ޚަބަރު

ތިން ރަށެއްގެ ބަނދަރު ހެދުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި


ތިން ރަށެއްގެ ބަނދަރު ހެދުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ދެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ ނ.ހެނބަދުއާއި ސ.މީދުއާއި ށ.ނޫމަރާގެ ބަނދަރު ހެދުމުގެ މަސައްކަތެވެ.

މީގެ ތެރެއިން ށ.ނޫމަރާގެ މަޝްރޫއު ހަވާލްކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ނ.ހެނބަދުއާއި ސ.މީދޫގެ ބަނދަރު ހެދުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މި ތިން މަޝްރޫޢުވެސް ހަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނ.ހެނބަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ އާ ހަވާލްކޮށްފައިވަނީ 26،629،639.27 (ސައްބީސް މިލިއަން) ރުފިޔާއަށެވެ. ސ.މީދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 35،436،107.38 (ތިރީސް ފަސް މިލިއަން) ރުފިޔާއަށެވެ. އަދި ސ.ނޫމަރާގެ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 9،990،500.00 (ނުވައެއް ޕޮއިންޓް ނުވައެއް މިލިއަން) ރުފިޔާއަށެވެ.

ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 223 މީޓަރު ބޭރު ތޮށި ޖެހުމާއި، 86 މީޓަރު ރިވެޓްމެންޓް ޖެހުމުގެ އިތުރުން 203 މީޓަރުގެ އެއްގަމު ތޮށިހެދުމާއި، ބަނދަރު ފުންކޮށް ނެރު ބައްތި ޖެހުންވެސް ހިމެނެއެވެ.

ސ.މީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 115 މީޓަރުގެ ބޭރު ތޮށިޖެހުމާއި ،496 މީޓަރު އެއްގަމު ތޮށި ހެދުމުގެ އިތުރުން ބަނދަރު ފުންކޮށް އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

ށ.ނޫމަރާގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 63 މީޓަރުގެ ބޭރު ތޮށި ޖެހުމާއި 2 ނެރު ބައްތިޖެހުންވެސް ހިމެނެއެވެ.