ސިޔާސީ

ޖަލުގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ޤައުމީ ސަލާމަތަށް ނުރައްކަލެއް ނެތް- ކޮމިޓީ


މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ޤައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ ނިންމައިފިއެވެ.

މިއަދު ބޭއްވި ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ކޮމިޓީއަށް ޙާޒިރުކޮށް އެއްކުރި މަޢޫލޫމާތަށް ބަލާއިރު ޤައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސްކަމެއް އޮތްކަމަށް ނުބެލެވޭކަމަށެވެ. ނަމަވެސް ޖަލުގެ މިހާރުގެ ޙާލަތަށް ބަލާއިރު އެއީ އިންސާނީ ޙައްޤުތަކާއި ކަރާމާތާއި ގުޅުން ހުރި މައްސަލައެއްކަމުން އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ކުރިއަށް ގެންދާނެކަމަށް މުޤައްރިރު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކޮމިޝަނަރ އޮފް ޕްރިޒަންސް ކޮމިޓީއަށް ޙާޒިރުކޮށް ބެލިބެލުމުން ޖަލުގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ޖަލުގައި އެކަށީގެންވާ ފެސިލިޓީ ނުވަތަ ވަޞީލަތްތައް ނެތުމާއި، ރިމާންޑް ޖަލާއި އެނޫންވެސް ތަންތަނުގައި ޤައިދީން ބެލެހެއްޓުމަށް އެކަށީގެންވާ ޢަދަދަކަށް ޖަލުގެ އޮފިސަރުން ނެތްކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ޖަލުގެ ވަށާފާރު މިހާރަށްވުރެ ބޮޑަށް އުސްކުރަން ޖެހޭކަމަށް ކޮމިޓީއަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެރުވި ލަފާއިން ހާމަވެފައިވާކަމަށްވެސް ކޮމިޓީގެ މުޤައްރިރު ވިދާޅުވިއެވެ.

ނަމަވެސް އެކަންކަމަކީ މިއަހަރުގެ ބަޖެޓަށް އިތުރުކުރެވޭނެ ކަންކަމަށްނުވާތީ އަންނަ އަހަރުގެ ބަޖެޓުގައި އެކަންކަން ހިމެނުމަށް މަސައްކަތްކުރުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި 6 ޤައިދީއަކަށް އަނިޔާވެފައިވާތީ އެކަމާގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށާއި، ޤައުމީ ސަލާމަތު ކޮމިޓީއަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ޙާޒިރުކޮށް ވަނީ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އޮޅުންފިލުއްވާފައެވެ. ޖަލުގެ ޙާލަތު ގޯސްވީ ޙަލަތާއި ނުބައްދަލު ބާރުގެ ބޭނުން ޖަލު އޮފިސަރުން ބޭނުންކުރުުމުންކަމަށް ހޯމް މިނިސްޓްރީންވެސް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީތަކުން ވެސް އަންނަނީ ތަޙްޤީޤްކުރަމުންނެވެ.