ކުޅިވަރު

އައިއޯއައިގީގައި ވާދަކުރާ ފުޓްބޯޅަ ޓީމް ފައިނަލް ކޮށްފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރަ ރާއްޖޭގެ ޤައުމީ ޓީމް މިހާރު އެކުލަވާލާފައިވާ ކަމަށާއި މުބާރާތުގައި ކުޅޭނެ ވިހި ކުޅުންތެރިންގެ ލިސްޓްވެސް ފައިނަލް ކުރެވިފައިވާ ކަމަށް އެފް.އޭ.އެމުން ހާމަކޮށްފިއެވެ.

އެފް.އޭ.އެމްގެ ޓެކްނިކަލް ޑައިރެކްޓަރ އިހުސާން އަބްދުލް ޢަނީ ބުނީ މުބާރާތުގެ މަހެއްހާ ދުވަސްކުރިން ވިހި ކުޅުންތެރިންގެ ޓީމް ފައިނަލްކޮށް މުބާރާތް ހިނގާ ފަރާތައް ފޮނުވަންޖެހޭކަމަށާއި ޤައުމީ ކޯޗު ޓީމު ނަގާފައިވަނީ ދިވެހި ލީގުގައި ކުޅުނު މެޗުތަކަށް ބަލާފައިކަމަށެވެ. އަދި މި ޓީމުން ނިމިގެންދިޔަ އެކާވީސް އަހަރުން ދަށުގެ ކޮލިފައިން މެޗުތައް ކުޅުނު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނަށްވެސް ފުރުސަތު ދީފައިވާނޭ ކަމަށެވެ.

ޓީމުގައި މައިގަނޑުގޮތެއްގައި ހިމެނޭނީ އެންމެ ފަހުން ސާފް މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް ހޯދައިދިން ޓީމުގައި ހިމެނޭ ކުޅުންތެރިންކަމަށްވެސް އެފް.އޭ.އެމްގެ ޓެކްނިކަލް ޑައިރެކްޓަރ ފާހަގަކުރިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު މިމުބާރާތް ކުރިއަށްދާނީ ޖުލައި މަހުގެ ނަވާރައިން އަށާވީހަށް މޮރީޝަސްގައިއެވެ.