ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑަށް ބޭނުންވަނީ ލީޑަރުންތަކެއް - ގެރީ ނެވިލް


ޔުނައިޓެޑަށް މިހާރު ބޭނުންވަނީ ޓީމް ގޮވައިގެން ދަނޑުމަތީގައި އުޅެވޭނެ ލީޑަރުންތަކެއްކަމަށް އެޓީމްގެ ކުރީގެ ތަރި ގެރީ ނެވިލް ބުނެފި އެވެ.

މިދިޔަ ސީޒަންގައި ރަނގަޅު ކާމިޔާބީތަކެއް ނުލިބި ޓީމުގެ ރޫހު ގެއްލިފައިވާކަމަށް އިނގިރޭސި މީޑިޔާތަކުން އަންނަނީ ރިޕޯޓްކުރަމުން ނެވެ.

19 އަހަރު ޔުނައިޓެޑަށް ކުޅުނު ގެރީ ނެވިލް ބުނީ އޭނާ ކެރިއަރު ފެށިއިރު އެކުލަބުގައި ތިން ބަޔަކަށް ބަހާލެވޭ ކުޅުންތެރިން ތިބިކަމަށެވެ. އެއީ ލީޑަރުންނާއި، ކުރިއަރަމުން އަންނަ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންކަމަށެވެ.

ނެވިލް ބުނީ މިހާރުގެ ޔުނައިޓެޑްގައި ލީޑަރުން ނުވަތަ ޒުވާން ކުޅުންތެރިންނަށް މަގު ދައްކާނެ މީހެއް ނެތްކަމަށެވެ. ނެވިލް ބުނީ މެންޗެސްޓަރ ޔުނައިޓެޑްގެ ހާލަތު ބަދަލުވާނީ ޓީމުގައި ތިބި ބޭކާރު ކުޅުންތެރިން ވިއްކާލަން ޖެހޭކަމަށާއި، ކުލަބުގައި މަޑުކުރަން ބޭނުންނުވާ ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދެއްކޭނެ ބައެއް ނޫންކަމަށް ނެވިލް ބުންޏެވެ. އަދި މި ޓްރާންސްފަރގައި ޔުނައިޓެޑުން ރަނގަޅު ކުޅުންތެރިންތަކެއް ހޯދާނެކަމަށް އުއްމީދުކުރާކަމަށްވެސް އޭނާ ބުންޏެވެ.