ޚަބަރު

24 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް އެބަދޭ، ގިނަ މަޝްރޫޢުތަކެއް ވަރަށް އަވަހަށް ނިމޭނެ- އެމްޓީސީސީ


އެމްޓީސީސީއިން މިހާރު 24 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތުދެއްވަމުން އެ ކުންފުނީގެ ކޮންސްޓްރަކްޝަން ޑިޕާޓްމަންޓްގެ އެޗްއޯޑީ އަޙްމަދު ލަތީފް ވިދާޅުވީ އެކުންފުނިން މިހާރު 24 މަޝްރޫއެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ އަމާޒަކީ ވީހާވެސް އަަވަހަކަށް އެ މަސައްކަތްތައް ނިންމުން ކަމަށެވެ.

އޭނާ ވިދާޅުވީ މި މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރާއި މަގުތައް ހެދުމާއި އެއަރޕޯޓްގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.

އެމްޓީސީސީން ވަނީ މި އަހަރުގެ ތެރޭގައި މަގު ހެދުމުގެ އިތުރު 7 މަޝްރޫއެއްގެ މަސައްކަތް ލިބިފައިވާއިރު އޭގެ ތެރެއިން 4 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަކޮށްފައެވެ. އަދި ބާކީ 3 ރަށުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މީގެ ތެރޭގައި ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީ ސ.ހުޅުމީދޫގެ މަގުތަކާއި ލ.ފޮނަދޫގެ މަގުހެދުމުގެ މަސަތްކަތުގެ އިތިރުން ބ.އޭދަފުށީގެ މަގުތަކުގެ މަސައްކަތްވެސް ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީގެ ކޮންސްޓްރަކްޝަން ޑިޕާޓްމެންޓްގެ އެޗްއޯޑީ އަޙްމަދު ލަތީފް ވިދާޅުވީ އެމްޓީސީސީގެ އަމާޒަކީ މިމަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމާ ސަރުކާރާއި ހަވާލުކުރުން ކަމަށެވެ.

އެމްޓީސީސީން މިހާރު ކުރިއަށް ގެންދާ އެއަރޕޯޓު ހެދުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ލަތީފް ވިދާޅުވީ ހއ.ހޯރަފުށްޓާއި ގދ.މާވަރުލު އެއަރޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.