ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގަންނަވާނީ މިމަހުގެ 29 އިން އަންނަ މަހުގެ 2 ކަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ، އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އިތުރުން ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ސިންގަޕޫރުގެ ރައީސާ، ހަލީމާ ޔާގޫބްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅާއި ގުޅޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއްނުކުރައްވައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ސިންގަޕޫރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުއެވެ. ނަމަވެސް އަމިއްލަ ދަތުރުފުޅެއްގައި މީގެ ކުރިން އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވެއެވެ.