ދުނިޔެ

ނޭޕާލަަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ


ނޭޕާލަށް މިއަދު އައި
ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ސާޅީހަށްވުރެ މައްޗަށް އަރައިފިއެވެ.



ނޭޕާލްގެ މައުންޓް އެވަރެސްޓް
ސަރަހައްދަށް އައި މި ބިންހެލުމުގެ ހާދިސާގައި ހާހަކަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.



މީގެ ދެ ހަފްތާ ކުރިން އެ
ސަރަހައްދަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ އަށް ހާހަށް
އަރާފައެވެ. މިއަދުގެ ބިންހެލުން ރެކޯޑް
ކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން ހަތެއް ޕޮއިންޓް ތިނެއްގައެވެ. މި ބިންހެލުމުގެ ލޮޅުންތަކުގެ
އަސަރު އަވަށްޓެރި އިންޑިޔާއާއި ބަންގްލަދޭޝްގެ ސަރަހައްދުތަކަށްވެސް ކޮށްފައިވެއެވެ. މިއަދުގެ ބިން ހެލުމުގައި
އިންޑިޔާއިންވެސް ސަތާރަ މީހަކުވަނީ މަރުވެފައެވެ.



މި ބިންހެލުމުގެ އަސަރު
ނޭޕާލްގެ ހަތްދިހަ ފަސް ސަރަހައްދެއްގެ ތެރެއިން ތިރީސް އެއް ސަރަހައްދަކަށް
ކޮށްފައިވެއެވެ. އަދި
މިއަދުގެ ހާދިސާއަށްފަހު، ކުއްލި ހާލަތްތަކުގައި
މަސައްކަތްކުރާ ޓީމްތަކުން ވަގުތުންވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް
ފަށާފައެވެ. މިއަދުގެ ބިންހެލުމާއި
ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ސުޝިލް ކޮއިރަލާވަނީ، ޙާލުގައި ޖެހިފައިވާ
މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް އަނެއްކާވެސް ގޮވާލައްވާފައެވެ.



މި ބިންހެލުމަށްފަހުވެސް ގިނަ
ސަރަހައްދުތަކަކަށް އިތުރު ލޮޅުންތަކެއް އަރާފައިވެއެވެ. ވެރިރަށް ކަތްމަންޑޫގެ
ޗައުތާރާ ސަރަހައްދުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ބަންދުވެފައިވާ
މީހުން ސަލާމަތްކުރުމުގައި ޓީމްތައް އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.



މީގެ ދެ ހަފްތާ ކުރިން
ނޭޕާލަށް އައި ބިންހެލުމަށްފަހު އެ ސަރަހައްދަށް ސަތޭކައަށްވުރެ ގިނަ ލޮޅުންތައް
އައިސްފައިވާކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނެއެވެ.



މި ބިންހެލުމުގައި ޙާލުގައި
ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި
އަދިވެސް ދަނީ ކުރިޔަށެވެ.