ޚަބަރު

ސިއްޙީ ދާއިރާއާއިމެދު ރައްޔިތުން ކުރާ އުންމީދުތައް ހަގީގަތަކަށް ވާނެ - މިނިސްޓަރ އަމީން


ށ.އަތޮޅުގެ ރަށްތަކުގެ ސިއްޙީ ޙާލަތު ދެނެގަތުމަށް ކުރެއްވި ދަތުރުފުޅުގައި ފާހަގަވި ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އަވަސް ހައްލެއް ހޯދުމަކީ ހެލްތް މިނިސްޓްރީގެ އަމާޒެއްކަމަށެވެ.

ށ. އަތޮޅުގެ ސިއްޙީ ޙާލަތު ބެއްލެވުމަށް އެ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ މި ދަތުރުފުޅަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރެވުނު އިތުރު މަސައްކަތެއް ކަމަށެވެ. އެގޮތުން ސިއްޙީ އިދާރާތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށް އަމިއްލަފުޅަށް ޒިޔާރާތް ކުރުމުން އެތަންތަނަށް ދިމާވެފައިވާ ދަތިތައް އެނގިގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދިމާވާ މިފަދަ މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެސްދެވޭނީ ރައްޔިތުންނާއި އިދާރާތަކުގެ މުވައްޒަފުންގެ ޙިޔާލާއި ޝަކުވާ އަޑުއަހައިގެން ކަމަށެވެ. އަދި ލިސްޓް ކުރެވިގެންދިޔަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ށ.އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ހޮސްޕިޓަލްތަކަކީ އެ އަތޮޅުގެ އަތޮޅު ސިއްޙީމަރުކަޒުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ތަންތަނެވެ. ށ.އަތޮޅަށް ހެލްތު މިނިސްޓަރ ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރވެސް މިނިސްޓަރގެ އަރިހުގައި ދަތުރު ކުރެއްވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ށ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އަޙްމަދު ޒުމްރަތު ވިދާޅުވީ ހުރިހާ ރަށެއްގައިވެސް ތަފާތު އެކި މައްސަލަ ހުރިކަން ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން އެރަށްރަށަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ޒުމްރަތު ވިދާޅުވިއެވެ. ޒުމްރަތު ވިދާޅުވީ އަތޮޅުުގެ ސިއްހީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ހަމަހަމަކަމާއިއެކު މަސައްކަތްކުރާނެ ކަމަށެވެ.

މި މަހުގެ 20އިން 22އަށް ށ.އަތޮޅަށް ހެލްތް މިނިސްޓަރ ކުރެއްވި ދަތުރުފުޅުގައި ވަނީ އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރާތް ކުރައްވާ، ސިއްހީ ދާއިރާގެ އިސްބޭފުޅުންގެ އިތުރުން ރަށުގެ ކައުންސިލާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުންތަކުގައި އެ ރަށްރަށަށް ބޭނުންވާ އިތުރު ސާމާނާއި މުވައްޒަފުންގެ އިތުރުން ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެއަތޮޅުގެ ހުރިހާ ރަށަކުންވެސް ވަނީ ސިއްޙީ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަމުގެ އިތުރުން ވަސީލަތްތަކުގެ ދަތިކަން ފާހަގަކޮށްފައެވެ. އެކަންކަމަށްވެސް އަވަސް ހައްލެއް ހޯއްދަވާދެއްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހެލްތު މިނިސްޓަރގެ މި ދަތުރުފުޅަކީ މާލެ ސިޓީއާއި އެއްފެންވަރަށް އެކި އަތޮޅުތަކުންވެސް ސިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި ރަށްރަށުގެ ސިއްޙީ ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ކުރެއްވި ދަތުރުފުޅެކެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.