ކުޅިވަރު

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް ޗިލީ ދަތުރުކޮށްފި


އިކުއެޑޯ ބަލިކޮށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުން ޗިލީ ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗިލީ ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރުކުރީ ދެ ލަނޑު އެއް ލަނޑުން އިކުއެޑޯ ބަލިކުރުމަށްފަހު އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗިލީން ނެވެ. މި ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯސޭ ޕެޑްރޯ ފުއެންޒަލީޑާ އެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިކުއެޑޯއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަކީ ޗިލީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ކީޕަރ އިކުއެޑޯގެ ސެބަސްޓިއަން މެންޑޭޒްއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އިކުއެޑޯއަށް ކާމިޔާބުކޮށްދިނީ، އެނާ ވެލެންސިއާ އެވެ.

މި މެޗުން މޮޅުވެ ކުއާޓަރ ފައިނަލުން ޖާގައެއް ޗިލީއަށް ޔަގީންކޮށްދިން ލަނޑު މެޗުގެ ފަންސާސް އެއްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒް އެވެ.

މި ނަތީޖާއާއެކު ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެގެން ލިބުނު ހަ ޕޮއިންޓާއެކު ޗިލީ އޮތީ ގްރޫޕް ސީގެ އެއްވަނައިގަ އެވެ. މި ގްރޫޕުގެ ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ އުރުގުއޭ އެވެ. އުރުގުއޭވެސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފަ އެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ދެ ޤައުމުކަމަށްވާ ޖަޕާނާއި އިކުއެޑޯ ވަނީ މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ ކުއާޓަރ ދިއުމުގެ ފުރުސަތު ގެއްލިފަ އެވެ.