ވިޔަފާރި

ރަޝިޔާ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލްކަން ބޮޑު


ރަޝިޔާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ސަރވޭއަކުން ދައްކައިފިއެވެ.

ދަތުރުފަތުރާއި ގުޅޭ ދިރާސަތަށް ކުރާ ކުންފުންޏެއް ކަމަށްވާ ފޯރވަޑް ކީސް، އިން ކުރިއަށްގެންދިޔަ މި ސަރވޭއިން ދައްކާގޮތުން ރާއްޖެ ހިމެނެނީ ރަޝިއާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް 5 މަންޒިލްގެ ތެރޭގައެވެ. އެގޮތުން ރަޝިއާ ފަތުރުވެރިންގެ މެދުގައި ތިންވަނަ އަށް އެންމެ މަޤްބޫލް މަންޒިލަކީ ރާއްޖެ ކަމަށް ފޯރވަޑް ކީސްއިން ހާމަކުރެއެވެ. ރަޝިޔާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލީ ވިއެޓްނާމްއެވެ. ދެވަނަ އަށް އެންމެ މަޤްބޫލީ ތައިލޭންޑެވެ.

ރަޝިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު މަރކެޓެކެވެ. އެގޮތުން ރާއްޖެއަށް 6 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންކަން ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ހުސްވި މަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް ތިރީސް އަށްހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 10 އިންސައްތައިގެ އިތުރު އަދަދެކެވެ.