މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހާދިސާއާއި ގުޅިގެން އެކަމުގެ މަޢުލޫތު އޮޅުންފިލުވައި ޖަލުގެ ޙާލަތު ދެނެގަތުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައްވައިފިއެވެ.
މިނިސްޓަރ މިހާރު ގެންދަވަނީ މިކަން ހިންގައި ދިޔަ ގޮތް އޮޅުންފިލުވުމަށް މާފުށީ ޖަލުގެ އިސް އޮފިޝަރުންނާއި ބައްދަލުކުރައްވަމުންނެވެ. މިކަމާއި، ގުޅިގެން މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގުވުން ހުއްޓުވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުއްﷲވަނީ އިއްޔެ ވިދާޅުވެފައެވެ.
މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކޮށްގެން އުޅޭ މައްސަލަތަކެއްގެ އަޑު އަންނަނީ ފެތުރެމުންނެވެ. އެގޮތުން ޖަލު އޮފިސަރުންތަކެއްވެގެން ގައިދީންތަކެއްގެ ބޯ ގަދަކަމުން ބޭލުމައި، ޖަލުގައި ހިންގި ހަމަނުޖެހުންތަކެއްގައި އަނިޔާވި މީހުންނަށް ފަރުވާ ނުދޭކަމަށްބުނެ ގައިދީން ހަޅުތާލު ކޮށްފައިވާކަމުގެ އަޑުވެސް ވަނީ ފެތުރިފައެވެ. ނަމަވެސް މިކަން ކަރެކްޝަނަލް ސަރވިސްއިންވަނީ ދޮގު ކޮށްފައެވެ.
މިކަމާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޖަލުތަކުގެ ޙާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައި ނުވާކަމަށާއި، އެކަށީގެންވާ ރަނގަޅު ބަދަލެއް ގެނައުމަށް ވަގުތު ނަގަނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގައިދީންނާއި މެދު ގެންގުޅޭ ލާއިންސާނީ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގުން ހުއްޓުވާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިކަންކަން ތަޙްގީގް ކުރާނެކަމަށާއި، އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާނީ ބަލަންވާ މިންވަރަށް ބަލައި ތަޙްގީގް ކުރުމަށް ފަހު ކަމަށެވެ. މި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިސް ކޮމިޓީގެ ކުއްލި ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.