ސިޔާސީ

ޙާލަތާ ނުބައްދަލު ބާރު ބޭނުންކުރުމުން ޤައިދީންނަށް އަނިޔާވެފައިވޭ - ހޯމް މިނިސްޓްރީ


މިދިޔަ ބުރާސްފަތިދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ޙާލަތާނުބައްދަލު ބާރުގެ ބޭނުންކުރުމުން ޤައިދީންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން މިހެން ވިދާޅުވީ، މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ޖަލުގެ އޮފިޝަލުންތަކަކަށާއި، ޖަލުގައި ބަންދުކޮށްފައިތިބި ބަޔަކަށް އަނިޔާވުމާއި ގުޅިގެން ހޯމް މިނިސްޓްރީން އަޅަމުން އަންނަ ފިޔަވަޅުތައް ބަޔާންކޮށް ނެރުނު ބަޔާނުގައެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީންނާއި އޮފިސަރުންނަށް އަނިޔާވިކަމުގެ ޚަބަރު ލިބުމާއެކު، ވަގުތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އާއި އިންފެކްޓަރޭޓް ސެކްޝަނުގެ މުވައްޒަފުން މާފުށީ ޖަލަށްގޮސް ގައިދީންގެ އިތުރުން ޖަލުގެ އެންމެ އިސް މުވައްޒަފުންނާ ބައްދަލުކޮށް ހާލަތު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ޤައިދީއެއްގެ ފަރާތުން ކަރެކްޝަންގެ އޮފިސަރަކަށް ލިބުނު އަނިޔާއަށް މާފުށީގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފައިވާކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ބައެއް ޤައިދީންނަށް އެކިވަރުގެ ޖިސްމާނީ އަނިޔާ ލިބިފައިވާކަމާއި، ޤައިދީން ކޮންޓްރޯލުކުރުމުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ޤައިދީންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

އަނިޔާ ލިބުނު ޤައިދީންނަށް އެކަށީގެންވާ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށާއި އެފަދަ އެހެން ކަންކަމާގުޅޭގޮތުން މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަނަށް އިރުޝާދު ދީފައިވާނެކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާގައި ހާލަތާނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި، ޤައިދީންނަށް އަނިޔާވި މައްސަލައަކީ ސަރުކާރުން ބަލައިނުގަންނަ އަދި ކުށްވެރިކުރާކަންކަމަށްވެސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ. އަދި އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް މި މައްސަލައާ ގުޅިގެން ހިންގާ ތަހުޤީޤު ނިމުމުން އިހުމާލުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުއަޅައި، އެފަދަ އަމަލުތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ޤައިދީންނަށް އަނިޔާކުރުމުގެ އިތުރުން ގަދަކަމުން ބޯބާލާ، ޕެޕަރ ސްޕްރޭ ޖަހާފައިވާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. އަދި އަނިޔާވި ޤައިދީންނަށް އެކަށީގެންވާ ފަރުވާ ދީފައިނުވާކަމަށްބުނެ ޤައިދީން ޖަލުގައި ހަޅުތާލު ކުރިކަމަށްވެސް އިއްޔެ އަޑުފެތުރިފައިވެއެވެ. އެހެންނަމަވެސް މި ވާހަކަތައް ކަރެކްޝަން ސާރވިސްއިން ވަނީ ދޮގުކޮށްފައެވެ.

ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އަންނަނީ ތަޙްޤީޤްކުރަމުންނެވެ. އަދި މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިއަދު 11:00 އަށް ވަނީ ތާވަލުވެސް ކޮށްފައެވެ.