އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން އެ ސްކޫލުން އާޓް އެގްޒިބިޝަނެއް ފަށައިފިއެވެ. މި އެގްޒިބިޝަން ފައްޓަވާ ދެއްވީ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.
އަމީނިއްޔާ ސްކޫލަށް 75 އަހަރުފުން ފާހަގަކުރުމަށް މުޅި އަހަރު ތެރެއަށް ބަހާލައިގެން އެކި ޙަރަކާތްތައް އެސްކޫލް އަންނަނީ ބާއްވަމުންނެވެ. އަމީނިއްޔާ ސްކޫލްގެ އިސް ދަރިވަރުންނާއި މިހާރުގެ ދަރިވަރުންނާއި ސްޓާފުންނާއި ބެލެނިވެރިންނަށް ހުޅުވާލާއިގެން ކުރިއަށްގެންދިޔަ މި އެގްޒިބިޝަންގައިވަނީ 5 ޢުމުރުފުރާއިން ތަކެތި ހުށަހަޅާފައެވެ. 2D އަދި 3D އާޓްއަށް ޚާއްސަކޮށްގެން މައުރަޒު ކުރިއަށް ގެންދިޔަ އިރު މިމައުރަޒަށްވަނީ އެކި ވައްތަރުގެ ހަތަރު ސަތޭކަ ހަތްދިހަ އަށް ބާވަތް ތައްޔާރުކޮށް ހުށަހަޅާފައެވެ. މައުރަޒުގައި ބައިވެރިކޮށްފައިވާ ތަކެތީގެ ތެރެއިން ވަނަ ވަނަ ހޮވާ އެފަރާތްތަކަށް ސެޓުފިކެޓާއި ހަނދާނީ ލިޔުންވެސް ވަނީ ދީފައެވެ. މި އާޓް އެގްޒިބިޝަން ކުރިއަށް ގެންގޮސްފައި ވަނީ މުބަރާތެއްގެ ގޮތުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ މިފަދަ މުބާރާތްތަކުން ޘަޤާފަތާއި އާސާރީތަކެތި އުފެއްދުމަށް ދަރިވަރުން ޝަޢުގުވެރިވާކަމަށެވެ. އަދި މިމަސައްކަތުގެ ތެރެއިން ދިރިއުޅުމަށް ބޭނުންވާ މުހިއްމު ފިލާވަޅުތަކެއް ދަރިވަރުންނަށް ދަސްވެގެންދާނެ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.
ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4 އަކުން ރޭގަނޑު 11 ޖެހުމާއި ހަމައަށް މި އާޓް އެގްޒިބިޝަން ކުރިއަށްގެންދާއިރު އަމީނިއްޔާ ސްކޫލްގެ މިހާރުގެ ދަރިވަރުން ތައްޔާރުކޮށްފައިވާ ތަކެތި ވިއްކައިގެން ލިބޭ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ސްކޫލްގެ އެކި ޙަރަކާތްތައް ހިންގުމަށްކަމަށް އަމީނިއްޔާ ސްކޫލުން ބުނެއެވެ. އަދި ކުރީގެ ސްޓާފުންނާއި ކުރީގެ ދަރިވަރުން އަދި ބެލެނިވެރިން ތައްޔާރުކޮށްފައިވާ ތަކެތި ވިއްކައިގެން ލިބޭ ފައިސާ އެފަރާތްތަކަށް ޙަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް އަމީނިއްޔާ ސްކޫލުން ބުނެއެވެ.
އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަހާއި ގުޅިގެން އަންނަނީ އެކި ޙަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން އެ ސްކޫލުގެ އިސް ދަރިވަރުންނާއި މިހާރުގެ ދަރިވަރުން ބައިވެރިވެގެން ކުޅުނު ފުޓުބޯޅަ މެޗަކީ މިގޮތުން ފާހަގަކޮށްލެވޭ ޙަރަކާތެކެވެ.