ސިއްހަތު

ށ. މިލަދޫ ސިއްހީ މަރުކަޒު ބޮޑުކުރުމަށް ބަޔަކާ ހަވާލުކޮށްފި


ށ. މިލަންދޫ ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އިތުރު
އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.



އާދީއްތަ ދުވަހުގެ ރޭ މިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ، ރާއްޖޭގެ އަމިއްލަ
ކުންފުންޏެއް ކަމަށްވާ ޔޫ މަން ކޮންސްޓްރަކްޝަނާއެވެ. 



މިލަންދޫ ސިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މަރުކަޒަށް އަލަށް
އިތުރު ކުރާ އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރ އަހުމަދު
ޒުހޫރުއެވެ. މި މަސައްކަތާއި ހަވާލުވެ، ޔޫމަން ކޮންސްޓަރަކްޝަންގެ ފަރާތުން ސޮއި
ކުރެއްވީ އެ ކުންފުނީގެ ވެރިޔާ މުހައްމަދު ނަސީރުއެވެ.



މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު
ޒުހޫރު ވިދާޅުވީ ށ. އަތޮޅަކީ ރަށްތައް ލޮކޭޓްވެފައިވާ ގޮތަށް ބަލާއިރު، ރަށްތައް
ދުރުކަމުން ދަތުރު ކުރުމުގައި ދަތިތަކެއް ހުރި އަތޮޅެއްކަމަށެވެ. އެހެންކަމުން
ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އަތޮޅުގެ އެކި ހިސާބުތަކުގައި ސިއްހީ
ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ގާސިމް ވިދާޅުވީ،
މިލަންދޫއަކީ ސިއްހީ ހަބަކަށް ބަދަލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ
ކަމަށެވެ. އަދި ކައިރު މުސްތަގްބަލެއްގައި އިތުރު ކުރިއެރުންތައް މިލަންދޫ ސިއްހީ
މަރުކަޒަށް ލިބިގެންދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.



މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ދެއްކެވި ވާހަކަފުޅުގައި ރަށުގެ
ތަރައްގީއަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމަށް ސަރުކާރާއި ގުޅިގެން ރައްޔިތުން
މަސައްކަތް ކުރުން މުހިންމު ކަމުގައި ވިދާޅުވިއެވެ.



ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރާއި، އެ ވުޒާރާގެ އިސްވެރިން ށ. އަތޮޅަށް
ކުރައްވާ ދަތުރުފުޅު ފައްޓަވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ދަތުރު
ފުޅުގައި ށ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރުގެ މި ދަތުރުފުޅުގައި މިލަންދޫގެ އިތުރުން،  ކޮމަންޑޫ، ޅައިމަގު، މާއުނގޫދޫ، ފުނަދޫ،
މަރޮށި، އަދި ފޯކައިދުއަށް ޒިޔާރަތްކުރައްވާ، މި ރަށްތަކުގައި ހުރި ސިއްހީ
ޚިދުމަތްދޭ ތަންތަން ބައްލަވާލައްވާ، އެތަންތަނުގެ މުވައްޒަފުންނާއި،  ބަލި މީހުންނާއި ވަނީ
ބައްދަލްކުރައްވަވާފައެވެ.