ކުޅިވަރު

ބަންގްލަދޭޝް ބަލިކޮށް އޮސްޓްރޭލިއާ 1 ވަނައަށް


ޑޭވިޑް ވޯނާ ހެދި 166 ލަނޑާ އެކު ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ބަންގްލަދޭޝް އަތުން 48 ލަނޑުން އޮސްޓްރޭލިއާ މޮޅުވެއްޖެއެވެ.

މި ނަތީޖާއާ އެކު ހަ މެޗުން 10 ޕޮއިންޓް ހޯދައި އޮސްޓްރޭލިއާ ވަނީ ތާވަލުގެ އެއް ވަނަ އަށް އަރައިފައިއެވެ. ދެ ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ނިއު ޒީލެންޑްއެވެ. އެ އަދަދަށް މެޗު ކުޅެ އަށް ޕޮއިންޓާ އެކު އިންގްލެންޑް ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެން އިންޑިއާއެވެ. ބަންގްލަދޭޝް އޮތީ ހަ މެޗުން ފަސް ޕޮއިންޓް ހޯދައި ފަސް ވަނައިގައިއެވެ. ޖުމްލަ 10 ގައުމު ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ގައުމުއެވެ.

އިއްޔެގެ މެޗުގައި އޮސްޓްރޭލިއާ ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 381 ލަނޑު ހެދިއެވެ. އޯޕަނިން ބެޓްސްމަން ވޯނާ147 ބޯޅައިން 166 ލަނޑު ހެދިއިރު އުސްމަން ޚަވާޖާ ވަނީ 72 ބޯޅައިން 89 ލަނޑު ހަދާފައިއެވެ.
ބަންގްލަދޭޝް ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 333 ލަނޑުއެވެ. އެ ޓީމުގެ މުޝްފިގުރް ރަހީމް ވަނީ ނުބައިނުވެ، 97 ބޯޅައިން 102 ލަނޑު ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 74 ބޯޅައިން 62 ލަނޑު ހެދި ޓަމީމް އިގްބާލްއެވެ.