ޚަބަރު

ނޭޕާލަށް އެހީވުމަށް ފުލުހުން 13 ހާސް ޑޮލަރު ހަދިޔާ ކޮށްފި


ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ނޭޕާލްގެ ރައްޔިތުންނަށް 13 ހާސް އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފިއެވެ.މި ފައިސާގެ އެހީ ޙަވާލު ކުރުމަށް އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި ފައިސާ އާއި ޙަވާލުވެވަޑައިގަތީ ޑޮކްޓަރުންގެ އެސޯސިއޭޝަނާ މޯލްޑިވިއަން ރެޑްކްރެސެންޓުގެ ފަރާތުންނެވެ.ފުލުހުން މައުލޫމާތުދޭ ގޮތުގައި ނޭޕާލް ރިލީފް ފަންޑަށް ޙަވާލުކުރާގޮތަށް މިއަދު ހަދިޔާކުރި ފައިސާއަކީ ދިވެހި ފުލުހުންގެ ނަމުގައި ޕޮލިސް ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯ އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ  ޕޮލްވެކުގެ ފަންޑުން ހަދިޔާ ކުރި ފައިސާކަމަށާއި މިފައިސާ ނޭޕާލް ރިލީޒް ފަންޑަށް ފޮނުވަން ހަމަޖެހިފައިވަނީ ޑޮކްޓަރސް އެސޯސިއޭޝަނާ ދިވެހި ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ.މިފައިސާ ޙަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑޮކްޓަރުންގެ އެސޯސިއޭޝަންގެ ރައީސާ ޑޮކްޓަރ ނާދިޔާ ވިދާޅުވީ ނޭޕާލްގެ ރައްޔިތުންނަކީ ދިވެހި ރައްޔިތުންނާ ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށާއި ނޭޕާލް ސަރުކާރުން ދިވެހި ޑޮކްޓަރުންނަށާއި ޞިއްޙީ ދާއިރާއަށް ވަރަށް ރަނގަޅު އެހީތެރިކަމެއް ވެދެއްވާ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ނަމުގައި ޕޮލްކޯ އާއި ޕޮލްވެކުން ނެގި މިއިސްނެގުމަކީ ވަރަށް ރަނގަޅު އިސްނެގުމެއްކަން ފާހަގަ ކުރައްވައި މިފަދަ ކޮންމެ މަސައްކަތެއްގައި ދިވެހި ފުލުހުން ދައްކަވާ ނަމޫނާއަށް ޝުކުރު އަދާ ކުރައްވާކަމުގައިވެސް ޑޮކްޓަރ ނާދިޔާ ވިދާޅުވިއެވެ.މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ވިދާޅުވީ ނޭޕާލްގެ ރައްޔިތުންނަށް ކުރިމަތިވި ހިތާމައިގައި ބައިވެރިވެ ދިވެހި ފުލުހުންގެ ފަރާތުން މިދެވޭ އެހީއަކީ ބޮޑު އެހީއަކަށް ނުވިނަމަވެސް މިއީ ނޭޕާލްގެ ރައްޔިތުންނަށް މިވަގުތަށް ވަރަށް މުހިއްމުވާނެ އެހީއެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.ދިވެހި ފުލުހުންގެ ފަރާތުން ވެދޭ އެހީއެއްގެ ގޮތުގައި ދީފައިވާ ތޭރަ ހާސް އެމެރިކާ ޑޮލަރަކީ ނޭޕާލް ރުޕީސްގެ އެކެއް ޕޮއިންޓް ތިނެއް މިލިއަން ރުޕީސްއެވެ.