ވިޔަފާރި

ފަތުރުވެރިކަމާއި ގުޅޭ ގިނަ ޤަވާއިދުތަކެއް ޒަމާނާ އެއްގޮތަށް އިސްލާހްކުރަނީ


ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި، ފަތުރުވެރިކަމާގުޅޭ ގިނަ ޤަވާއިދުތަކެއް އިސްލާހުކޮށް، ޒަމާނަށް ފެއްތުމަށް މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، ބައެއް ޤަވާއިދުތައް އިސްލާހްކުރުމަށް ޑްރާފްޓްތައް އެކުލަވާލެވި، ކަމާ ގުޅުންހުރި ސަރުކާރުގެ ވުޒާރާތަކަށް މިހާރު ފޮނުވާލާފައިވާކަމަށެވެ.

"ފަތުރުވެރިކަމުގެ ބޭނުންތަކަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމުމަށް އިތުރު މުއްދަތެއް ދިނުމާއި، ޖޫރިމަނާ ފަސްކޮށް ދިނުމާއި ގުޅޭ ޤަވާއިދު، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ރިސޯޓް، ހޮޓާ، ގެސްޓްހައުސް ފަދަ ތަންތަނުގައި އަޅަންޖެހޭ ޤަވާއިދުތަކާއި އިސްލާހްކުރުމުގެ މަސައްކަތްމިދަނީ ކުރަމުން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓޫރިޒަމާއި ގުޅޭ ތަފާސް ހިސާބު ތައްޔާރުކުުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ޤަވާއިދުވެސް އެކުލަވާލާ ޢާއްމުންގެ ޚިޔާލަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ހަފްލާ ބޭއްވުމުގެ ޤަވައިދާއި ރާއްޖޭގައި ފަތުރުވެރީންނަށް ދަތުރު ރާވާ ހިންގުމުގެ ޤަވައިދާއި ޓުއަރ ގައިޑުންނާ ބެހޭ ޤަވައިދު އިސްލާހު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުންތަށް ގެނައުމަށް ގެންނަން ޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.