ޚަބަރު

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު މިހާތަނަށް 2500 ދަރިވަރުންނަށް

ހިލޭ ޑިގްރީއަށް ކިޔެވުމަށް 2500އާއި ގާތްކުރާ އަދަދެއްގެ ދަރިވަރުންނަށް މިހާތަނަށް ލިޔުން ދޫކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވީ މި ދަރިވަރުންނަށް ސަރުކާރުގެ ހިލޭ އެހީގައި ކޯސް ފީ ހަމަޖައްސައިދޭނެކަން މިހާރު އަންގާފައިވާކަމަށެވެ.

ތަޢުލީމީ ދާއިރާއަކީ މިއަހަރުގެ ބަޖެޓުގައި އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހަމަޖައްސާފައިވާ ދާއިރާއެވެ. އެގޮތުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތަކީ ސަރުކާރުން އެކަމަކަށް ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ކަމެކެވެ. މިކަމަށް 156 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު މިދިޔަ ފެބަރުއަރީ މަހު ހުޅުވާލާފައިވާއިރު، މިހާތަނަށް 3500 އަށްވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ސްކީމްގައި ބައިވެރިވުމަށް ފޯމް ހުށައަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަނުންވަނީ ވިދާޅުވެފައެވެ. އަދި ފޯމްތައް ރިވިއުކޮށް މިހާތަނަށް 2500 ދަރިވަރުންނަށް މި ޕްރޮގްރާމަށް ހޮވުނުކަން އަންގާފައިވާކަމަށްވެސް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ. މީގެ ތެރެއިން އެގްރިމެންޓް ފުރިހަމަކުރުމަށްފަހު ހުށަހަޅާ ފަރާތްތަކުގެ ލިސްޓް ކޮލެޖްތަކަށް ފޮނުވަމުންގެންދާނެ ކަމަށާއި، ކޮލެޖްތަކުން އިންވޮއިސް ފޮނުވުމުން ފައިސާ ދައްކަމުންގެންދާނެކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މީގެތެރޭގައި ދިވެހި ޤައުމީ ޔުނިވަރސިޓީއާއި، އިސްލާމީ ޔުނިވަރސިޓީއާއި، އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުން ހިމެނެއެވެ. ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް މުޅި ކޯސް ހިލޭ ކޮށްފައިވާއިރު، އަމިއްލަ ކޮލެޖުތަކުން ޑީގްރީ ހަދާ ދަރިވަރުންގެ ކޯހުގެ ވަކި އިންސައްތައެއް ސަރުކާރުން ހަމަޖައްސާގޮތަށް ވަނި މި ސްކީމްގައި ހިމަނާފައި ވެއެވެ. އެގޮތުން އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ކޯސް ފީ ހިލޭކޮށްދެނީ %40 އާއި %60އާ ދެމެދުގެ އަދަދުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ކިޔަވާ ދަރިވަރުން ވާންޖެހޭނީ އުމުރުން 50 އަހަރުން ދަށުގެ ދަރިވަރުންނަށެވެ. އަދި މީގެ އިތުރުން، ސަރުކާރުން ޑިގްރީ ލެވެލްގެ ޕްރޮގްރާމެއްގައި ކިޔެވުމަށް އެހެން ފުރުޞަތެއް ލިބިފައިނެތް ފަރާތަކަށްވެސް ވާން ޖެހެއެވެ.

ހަޔަރ އެޑިއުކޭޝަނުންވަނީ ހިލޭ ޑިގްރީ ޕްރޮގްރާމަށް އޮންލައިންކޮށް ފޯމް ހުށައެޅޭނެ އިންތިޒާމް މި މަހުގެ 1 ވަނަ ދުވަހު ހުޅުވާލާފައެވެ. ޕޯޓަލް މެދުވެރިކޮށް މި މަސައްކަތް ކުރަން ފެށުމުން، މާލެއާއި މާލެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށްވެސް ފޯމް ހުށައެޅުމުގައި ފަސޭހަ އިންތިޒާމެއް ވަނީ ހަމަޖެހިފައެވެ. އަދި ހެކިވެރިންގެ ސޮއި ހޯދައިގެން ވަކި އެގްރިމެންޓެއްގައި ސޮއިކުރުމުގެ ބަދަލުގައި އެޕްލިކޭޝަން ހުށަހަޅާވަގުތު ޑިކްލަރޭޝަން މަރކެއް ޖަހައިގެން އެގްރިމެންޓް ހުށައެޅޭގޮތަށްވެސް ބަދަލު ގެނެސްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތްތަނުގައި، މި އުސޫލު މުރާޖައާކޮށް ދަރިވަރުންނަށް އިތުރަށް ފަސޭހަވާނެ ގޮތްތަކަށް އިސްކަންދޭނެކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހިމަނައިގެން ފެށި މުހިންމު މަސައްކަތެކެވެ.