ކުޅިވަރު

އެތްލެޓިކްސް މުބާރާތުގައި ވާދަ ކުރާ ސްކޫލުތަކުން ތިނަދޫއަށް އަންނަން ފަށައިފި


މިމަހުގެ 23 ވަނަ ދުވަހު ގދ. ތިނަދޫގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތް 2019 ގައި ބައިވެރިވާ ސްކޫލުތަކުގެ ދަރިވަރުން ތިނަދޫއަށް އަންނަން ފަށައިފިއެވެ.

މިހާތަނަށް 14 ސްކޫލަކުން ތިނަދޫއަށް އައިސްފައިވާއިރު އެސްކޫލުތަކަށް ތިނަދޫއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޕީއެސްއެމް ސްޕޯޓްސަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް، އިބްރާހިމް އަސްއަދު ވިދާޅުވީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ މަސައްކަތުގެ 90 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އެގޮތުން މުބާރާތުގައި ބޭނުންކުރާ ޓްރެކުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމާއި، ފީލްޑް އިވެންޓުތައް ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާކަންވެސް އަސްއަދު ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވީ މިހާރު ނުނިމި ހުރީ ހަމައެކަނި ޓެންޓު ޖެހުމުގެ މަސައްކަތް ކަމަށެވެ. އެމަސައްކަތްވެސް މުބާރާތް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށާއި، މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ވަރަށް ކުދި ކުދި މަސައްކަތްތަށްކަމަށް އައްސަދު ފާހަގކުރިއެވެ.

ތިނަދޫގައި ބާއްވާ މި މުބާރާތުގައި 27 ސްކޫލަކުން 104 ޓީމު ވާދަ ކުރާއިރު ޖުމްލަ 565 އެތްލީޓުން ބައިވެރިވެއެވެ.

މީގެ ކުރިން ކާމިޔާބު އެތްލެޓިކްސް މުބާރާތްތަކެއް ތިނަދޫގައި ބާއްވާފައިވީ ނަމަވެސް މިއީ ތިނަދޫގައި މިހާތަނަށް ބާއްވާ އެންމެ ގިނަ ކުދިން ބައިވެރިވާ އެތްލެޓިކްސް މުބާރާތެވެ. އަދި މިއީ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތެއް ތިނަދޫގައި ބާއްވާ ފުރަތަމަ ފަހަރުވެސްމެއެވެ. މީގެ ކުރިން 2009 ވަނަ އަހަރާއި، 2011 އަދި 2015 ވަނަ އަހަރު ތިނަދޫގައި މަކިޓާ އެޓޯލް ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތް ވަނީ ބާއްވާފައެވެ.