ޚަބަރު

ރާއްޖޭގެ އިތުރު ސަރަޙައްދުތައް ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވަކަށް ހަދަނީ


ބ. އަތޮޅުގެ އިތުރުން ރާއްޖޭގެ އިތުރު ސަރަޙައްދުތައް ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވަކަށް، ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެންވާރަމެންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ތެރޭގައި މި ތަންތަނުގެ ތަފްސީލް ޔުނެސްކޯއަށް ފޮނުވާނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ހިމާޔަތްކުރާ ތިމާވެށީގެ ސަރަޙައްދުތަކަކީ މަންފާ ލިބޭ ތަންތަނަށް ހެއްދެވުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙްގެ ވަޢުދުފުޅާއި އެއްގޮތަށް މިހާތަނަށްވަނީ އުތުރުގެ 14 ސަރަޙައްދެއް ޙިމާޔަތްކޮށްފައެވެ. މީގެތެރޭގައި ރަށްރަށާއި، ފަރުތަކާއި، ކަނޑޫފާތަކާއި ކުޅިތައް ހިމެނެއެވެ. ޙިމާޔަތް ކުރާ ސަރަޙައްދުތައް ނިންމުމުގައި ބަލާފައިވަނީ ވީހާވެސް ބޮޑަށް ޤުދުރަތީ ރީތިކަން ދައްކައިދޭ، ނާޒުކު ސަރަޙައްދުތަކަށެވެ. އެގޮތުން ގުދުތަރީ ދިރުންތައް ގިނަ ރަށްތަކާއި، ރާއްޖެއިން މަދުން ފެންނަ މަސްމަހާއި ދޫނިސޫފާސޫފި އުޅޭ ސަރަޙައްދުތަކާއި، ޑައިވް ޕޮއިންޓްތަކާއި، ކުޅިތަކާއި، ޝިޕް ވްރެކް ފަދަ ތަންތަން ހިމެނެއެވެ.

ހިމާޔަތް ކުރާ ސަރަޙައްދުތަކާއި ގުޅޭގޮތުން މިޑިއާއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވީ އެހެން އަތޮޅުތަކުން ޙިމާޔަތް ކުރަން ނިންމާފައިވާ ސަރަޙައްދުތައް ދެނެގަނެ، ސަރައްދުތައް ފާސްކުރުމަށް ކެބިނެޓަށް ހުށައަޅާފައިވާކަމަށެވެ. އަދި މި ތަންތަން ވަރަށް އަވަހަށް އިޢުލާން ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއިން ގެންދަނީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވަކަށް، ބާ އަތޮޅުގެ އިތުރުން ރާއްޖޭގެ އިތުރު ސަރަޙައްދުތައް ހެދުމަށްވެސް މަސައްކަތް ކުރަމުންނެވެ.

"މިއަހަރުގެ ސެޕްޓެމްބަރު މަހު، އައްޑުއާއި، ފުވައްމުލަކު ސަރަޙައްދު ބަޔޮސްފިއަ ރިޒާވެއްގެ ގޮތުގައި ހެދުމަށް ޔުނެސްކޯއަށް ހުށައެޅުމަށް މިދަނީ ތައްޔާރުވަމުން." މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން 13 ރިސޯޓެއްގެ ފަރު ޙިމާޔަތް ކުރުމަށް އެދިފައިވާތީ، އެކަންވެސް ކެބިނެޓަށް ހުށައަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދް ޙަސަން ވިދާޅުވީ ޙިމާޔަތް ކުރާ ތަންތަނަކީ ހަމައެކަނި ހިމާޔަތް ކޮށްފައި ބަހައްޓާ ތަންތަންނަށް ހެދުމުގެ ބަދަލުގައި މަންފާ ލިބޭ ތަންތަނަށް ހައްދަވާނެކަމަށެވެ. އެގޮތުން ކުރިން އ.ދ އަތޮޅުގައި ޙިމާޔަތް ކޮށްފައިވާ ސަރަޙައްދަކީ މަންފާ ލިބޭ ތަނަކަށް ހެދުމަށް މެނޭޖްމަންޓް ޕްލޭނެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ވިދާޅުވިއެެވެ. އަދި ޙިމާޔަތް ކޮށްފައިވާ ސަރަަހައްދުތަކަކީ ރަޖިސްޓަރކޮށްފައިވާ ވަކި ކަނޑު އުޅަނދުތަކަކަށް ވަދެވޭ ތަންތަނަށް ހަދާނެކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެެވ.

"އައްޑޫ އަދި ފުވައްމުލަކު ޙިމާޔަތް ކޮށްފައިވާ ސަރަޙައްދުން މިހާރު އެބަ މަންފާ ހޯދާ. މަސައްކަތް މި ކުރަނީ ކައުންސިލާއި ގުޅިގެންމި ފައިސާ ރަށުގެ މަންފާއަށް ބޭނުންކުރުމަށް". މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޙިމާޔަތް ކޮށްފައިވާ ތަންތަން ބަލަންދާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭގޮތަށް އެކަމަޑޭޝަން ޤާއިމުކުރުމަކީވެސް ވިސްނުމެއްކަމަށެވެ. މިމަސައްކަތް ސީދާ މިނިސްޓްރީއިން ކުރުމުގެ ވިސްނުން ނެތް ނަމަވެސް ޝައުގުވެރިވާ މީހުންނަށް ދީގެން އެފަދަ ތަންތަން ތަރައްޤީކުރުމަކީ މުސްތަޤްބަލުގައި ކުރަން ވިސްނާ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ތަންތަން ޙިމާޔަތްކޮށް، މަސައްކަތް ކުރުމަށް ގްރީން ފަންޑުގެ އެހީވެސް ލިބޭނެކަމަށެވެ.