ޚަބަރު

މި ސަރުކާރުން ފުވައްމުލައިކުގައި 800 ހައުސިންގ ޔުނިޓް އަޅަނީ


ފުވައްމުލައް ސިޓީގައި 800 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ. ފުވައްމުލައް ސިޓީގެ ބޯހިޔާވަހިކަމުގެ ޙާލަތު ދެނެގަތުމަށް، ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ ގެންދަވަނީ އެ ސިޓީއަށް ދަތުރުފުޅެއްވެސް ކުރައްވަމުންނެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޚާލިޞް ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ޢަމާޒުކޮށްގެން 5000 ހައުސިންގ ޔުނިޓް ހެދުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އަދި މީގެތެރެއިން 800 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީގައި ކަމަށެވެ.

މިދިޔަ ސަރުކާރުންވެސް ފުވައްމުލައް ސިޓީގައިވަނީ 200 ހައުސިންގ ޔުނިޓް އަޅާފައެވެ. އިމާރާތްތަކުގެ މަސައްކަތް ނިމި 2 އަހަރު ވެފައިވާއިރު، މިހާތަނަށްވެސް ފްލެޓްތަކުގައި މީހުންނަށް ދިރިއުޅެވޭވަރަށް ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިންމާފައެއް ނުވެއެވެ. މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާލިސް ވިދާޅުވީ ފްލެޓްތަކުގައި މީހުން އުޅެން ނުފެށި މިހާ ގިނަ ދުވަސްތަކެއް ވެފައިވަނީ ބޭނުންވާ އަސާސީ ޚިދުމަތްތައް ފްލެޓްތަކުގައި ޤައިމުވެފައި ނެތުމުން ކަމަށެވެ. އެގޮތުން ފެނާއި، ނަރުދަމާއާއި، ކަރަންޓު އެޅުމުގެ މަސައްކަތް ނިންމާފައި ނުވާކަން ޑެޕިއުޓީ މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ފްލެޓްތަކުގައި ނުނިމި ހުރި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައި، ޙައްޤުވެރިންނަށް އެ ޕްލެޓްތައް ބޭނުންކުރެވޭނެ ގޮތް ހެދުމަށްކަމަށެވެ. އެގޮތުން ފްލެޓްތަކުގައި ނުނިމި ހުރި ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން، އަލުން ފަށާފައިވާކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ފްލެޓްތަކުގައި ނުނިމި ހުރި މަސައްކަތްތައް އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު ފްލެޓްތައް ހުރި ސަރަހައްދުގެ ލޭންޑްސްކޭޕިންގގެ މަސައްކަތްތައް ކުރުމަށް ބިޑަށް ހުޅުވާލާފައިވާކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ފްލެޓްތަކުގެ މަސައްކަތް ނުނިމުނު ނަމަވެސް، މިދިޔަ ސަރުކާރުންވަނީ ފްލެޓްތައް ދިނުމަށް ހުޅުވާލައި، ފްލެޓް ލިބުނު މީހުންގެ ލިސްޓްވެސް އިޢުލާންކޮށްފައެވެ. ނަމަވެސް އާ ސަރުކާރުންވަނީ ފްލެޓްތައް ދިނުމުގައި އޮޅުވާލުންތައް ހުރިކަމަށްބުނެ، ފްލެޓް ލިބުނީ އެންމެ ޙައްގުވެރި ފަރާތަކަށްތޯ ކަށަވަރުކުރުމަށް، ފޯމްތައް އަލުން ރިވިއު ކުރުމުގެ މަސައްކަތް ކައުންސިލްތަކާއި ހަވާލުކޮށްފައެވެ.

ފުވައްމުލަކުގައި އަޅާފައިވާ 200 ހައުސިންގ ޔުނިޓަށް ހޮވުނު މީހުންގެ ލިސްޓުވެސް ފުވައްމުލައް ސިޓީ ކައުންސިލުން އަންނީ ރިވިއު ކުރަމުންނެވެ. މި މަސައްކަތް ނިންމައި ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް މިމަހު އިޢުލާންކުރާނެކަމަށް ކައުންސިލުން ބުނެފައިވާކަމަށް، ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާސިލްވަނީ ވިދާޅުވެފައެވެ.

ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ނިންމައި، އޮގްސްޓް މަހު ހައުސިންގ ޔުނިޓްތަކަށް މީހުންނަށް ވަދެވޭވަރު ވާނެކަމަށް ޙާލިސް ވިދާޅުވިއެވެ.

13000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލަކަށް، ބޯހިޔާވަހިކަމުގެ ދައްޗަކީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ދައްޗެކެވެ. ފުވައްމުލަކު ކައުންސިލުން ބުނާގޮތުގައި އެރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2006ވަނަ އަހަރުއެވެ.