ކުޅިވަރު

ޔޫއެފާ މުބާރާތް އައްޑޫ ސީޓީގައި ބޭއްވުމަށް ނިންމަންޖެހޭ ބައެއް މަސައްކަތްތައް އެބަހުރި - މިނިސްޓަރ މަޚުލޫފް


ޔޫއެފާ 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް ރާއްޖޭގައި ބާއްވަން، މިހާރުން މިހާރަށް ނިންމަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަޚުލޫފް ވިދާޅުވިއެވެ.
އަންނަ މަހު އައްޑޫ ސިޓީގައި ބާއްވަން ތައްޔާރުވަމުން އަންނަ މުބާރާތާއި ގުޅޭގޮތުން އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓާރ މަޚްލޫފް ވިދާޅުވީ، އައްޑޫ ސިޓީގައި މުބާރާތް ބާއްވަން ނިންމީ މުބާރާތް ބާއްވަންޖެހޭ ތާރީޚުގެ ގޮތުން މިނިވަން ދުވަހާއި ދިމާވާތީ ކަމަށާއި، މީގެ އިތުރުން ގަލޮޅު ދަނޑުގައި އިންޓަނޭޝަނަލް މުބާރާތެއް ބާއްވަން ބަލާނަމަވެސް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

މިނިސްޓާރ މަޚްލޫފް ވިދާޅުވީ އައްޑޫ ސިޓީގައި މުބާރާތް ބާއްވަން ނިންމާފައި ވާއިރު، އައްޑޫ ސިޓީގެ ސްޓޭޑިއަމްގައިވެސް ހައްލުކުރަން ޖެހޭ ބޮޑެތި ބައެއް މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް މިނިސްޓާރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޓީމުތަކުގެ އެކޮމޮޑޭޝަންގެ ކަންތައްތަކާއި ދަތުރު ފަތުރުގެ ކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތް އެފްއޭއެމްއާއި ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.

"މިމުބާރާތް އައްޑޫގައި ބާއްވަން ނިންމީ މިނިވަން ދުވަހުގެ ހަރަކާތްތަކާއި އަދި ގަލޮޅު ދަނޑުގައި އިންޓަނޭޝަނަލް މުބާރާތެއް ބާއްވަން ބޮޑެތި ދަތިތަކެއް މިހާރު ހުރުމާވެސް އެކީގައި، ދެން މިހާރި އަނެއްކާވެސް ޕްލޭނިން މިނިސްޓްރީ އާއި ގުޅިގެން ދަނޑުގެ ތަފްސީލީ ޕްލޭނެއް އެކުލަވާލަން މި މަސައްކަތް ކުރަނީ، ދެން އައްޑޫގައި ބާއްވަން ވިސްނާއިރުވެސް އެބަހުރި މިހާރު މިހާރަށްވެސް ހައްލުކުރަން ޖެހޭ ކަންތައްތަކެއް، މިސާލަކަށް އެ ދަނޑުގެ ލައިޓިން ސިސްޓަން ހަރުކުރުމާއި، ޓީމް ތަކުގެ ދަތުރު ފަތުރާއި، އަދި ޓީމްތަށް އައްޑޫގައި ތިބޭނެ ރަނގަޅު އެކަމަޑޭޝަން އެބަ ހަމަޖައްސަން ޖެހޭ، ދެން މިކަންކަން އެފްއޭއެމްއާއި ގުޅިގެން ހައްލުކުރަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ." މަޚްލޫފް ވިދާޅުވިއެވެ.

އަންނަ މަހުގެ 20އިން 29ގެ ނިޔަލަށް އައްޑޫ ސިޓީގައި ބާއްވަން ތައްޔާރުވާ ޔޫއެފާ ފަނަރަ އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ ސައުދީ އަރަބިއްޔާ އާއި ބޫޓާން އަދި ލެޓްވިއާއެވެ.