ޚަބަރު

ފަނޑިޔާރު ދީދީއަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް


އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ އެކި ޢަދަދުން ސުޕްރީމްކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ނަންގަވާފައިވާކަމަށް ފުލުހުންގެ ތަހުޤީގަށް މިިހާތަނަށް އެނގިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހާމަކުރައްވައިފިއެވެ.

ފަނޑިޔާރު ދީދީއަށް އެމްއެމްޕީއާރުުސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާކަން ފުލުހުން ހާމަކުރައްވާފައިވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން ގެންދަވާ، ދީދީގެ ތަހުޤީޤަށް ފުލުހުން ފޮނުއްވި ސިޓީގައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަ ތަހުޤީޤުކުރުމަށް ޖޭއެސްސީއިން ކުރާ ތަހުޤީޤު މިއަދު ކުރިއަށް ގެންގޮސްފައިވަނީ ޢާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައެވެ. މިއީ ފަހުގެ ތާރީޚުގައި މިފަދަ މައްސަލައެގެ ތަހުޤީޤު ހުޅުވާލައިގެން ކުރިޔަށްގެންދާ ފުރަތަމަ ފަހަރެވެ. މީގެކުރިން މިފަދަ މައްސަލަތައް މުޅިންހެންވެސް ގެންގޮސްފައިވަނީ ސިއްރުންނެވެ. އަދި އެނިންމުންތައްވެސް ޢާއްމުކޮށްފައެއް ނުހުރެއެވެ.

މިއަދުގެ ތަހްޤީޤުގައި ފަނޑިޔާރު ދީދީގެ މައްޗަށްވަނީ ސީރިއަށް ތުހުމަތުތަކެއް ވަނީ އުފުލާފައެވެ. މި ގޮތުން ވަކިގޮތަކަށް ހުކުމްކުރުމަށް އެމްއެމްޕީއާރުސީ ހިޔާނަތުގެ ފައިސާ ނެގި ފަރާތްތަކުގެ އަތުން އެކި ޢަދަދުން ފައިސާ ނަންގަވާފައިވާކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ފުލުހުން ޖޭއެސްސީއަށް ފޮނުއްވާފައިވާ ސިޓީގައިވަނީ އެމްއެމްޕީއާރސީގެ ޚިޔާނާތްވި އެންމެ އިސްފަރާތް ތަހުޤީޤަށް ދެއްވާފައިވާ އިންޓަވިއުގައި 2014ވަނަ އަހަރުން ފެށިގެން ސިޔާސީ އެކި ފަރާތްތަކަށް ހިންގި ޝަރީއަތުގައި ވަކިގޮތަކަށް ހުކުމްކުރުމަށް ފަނޑިޔާރުންނަށް ފައިސާ ދިނުމުގެ ތުހުމަތުކޮށްފައިވާއިރު ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެއްވެސް ޖާއިޒު ސަބަބެއް އޮތްކަމަށް ނުބެލެވޭގޮތަށް ޙާލަތްތަކުގައި އެކި ޢަދަދުން، ފައިސާދިން ފަރާތްތަކުގެ ތެރޭގައި ސުޕްރީމްކޯޓްގެ ފަނޑިޔާރުން އަބްދުﷲ ދީދީ ހިމެނޭކަމަށެވެ.

އަދި މިކަމަށްޓަކައި ފަނޑިޔާރު ދީދީއާއި ޚިޔާނާތުގެ ތުހުމަތުުރެވޭ ފަރާތަކާމެދު ކުރެވުނުކަމަށް ބުނާ ފޯނު މުއާމަލާތްތަކެއްވެސް ބަލައި ދިރާސާކޮށްފައިވާކަމަށްވެސް ފުލުހުން ޖޭއެސްސީއަށް ފޮނުވި ސިޓީގައިވެއެވެ. އަދި އެމެސެޖްތައް ރިސީވެފައިވާކަން ފޮރެންސިކް ތަޙުލީލަށް އެނގިފައިވާކަމަށްވެސް ފުލުހުން ޖޭއެސްސީއަށް ފޮނުވާފައިވާ ސިޓީގައިވެއެވެ.

މީގެއިތުރުން 12 ޖުލައި 2017ވަނަ ދުވަހު ފަނޑިޔާރު ޢަބްދުﷲ ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރުން ރާއްޖެއިން ފުރަން އުޅޭކަމަށާ، ޑޮލަރުކޮޅެއް ބޭނުންކަމަށްބުނެ ސަސްޕެކްޓް އެކަކަށް މެސެޖްކޮށްފައިވާކަމަށްވެސް ފުލުހުން ޖޭއެސްސީއަށް ފޮނުވި ސިޓީގައިވެއެވެ.

ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުނު މައްސަލާއިގެ ތަހުޤީގަށް ފުލުހުން ހައްޔަރުކުރި އެކަކާއި ގުޅޭ މަޢުލޫމާތު ޚިޔާނާތުގެ ތުހުމަތުކުރެވޭ މީހަކާ ފަނޑިޔާރު ދީދީއާ ދެމެދު ކުރެވުނު މުއާމަލާތަކަކަށްފަހު އެތަނުން އެކަކު ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ދީދީ އަމުރުކުރެއްވިކަމަށްވެސް ފުލުހުން ޖޭއެސްސީއަސް ފޮނުވި ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ އައިލީ ފަރާތްތަކަށް ސަރުކާރުން ވަޒީފާ ހަމަޖައްސާދިނުމަށް އެދިފައިވާކަމަށާ އެގޮތުން މެލޭޝީއާގެ ޑެޕިއުޓީ އެމްބެސެޑަރުކަމުގެ މަޤާމަށް ވަކިމީހަކު ޢައްޔަންކުރުމަށް ޚިޔާނާތުގެ ތުހުމަތުކުރެވޭ މީހަކާއެކު ދީދީ މުޢާމަލާތުކޮށްފައިވާކަމަށްވެސް ފުލުހުންގެ ޖޭއެސްސީއަށް ފޮނުވި ސިޓީގައިވެއެވެ. އަދި ޚިޠާނަތުގެ ތުހުމަތުކުރެވޭ މީހާއާއި ފަނޑިޔާރު ދީދީއާ ކޮށްފައިވާ މުޢާމަލާތްތަކުން އެދެފަރާތަކީ ވަރަށްގާތް ބައެއްކަން މިހާތަނަށް ބެލިބެލުމުން އެގޭކަމަށްވެސް ފުލުހުންގެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީގެ ގެ މައްސަލަ ބަލާ ކޮމެޓީން ސުވާލުތައްކުރުމުން އެސުވާލުތަކަށް ޖަވާބު ދެއްވަމުން ޢަބްދުﷲ ދީދީ ވިދާޅުވީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް މީހެއްގެ އަތުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނަގާފައި ނުވާނެކަމަށެވެ. އަދި ފުލުހުން އެނާއާ ގުޅޭ މައްސަލައެއް ބަލަމުން ނުދާކަން އަންގާފައިވާއިރު، ފުލުހުން ހުށައެޅިކަމަށްވިދާޅުވެ ކޮމެޓީން ދީފައިވާ ސިޓީގެ ސައްހަކަމާމެދުވެސް ފަނޑިޔާރު ޢަބްދުﷲ ދީދީ ވަނީ ސުވާލު އުފައްދަވާފައެވެ.