ރިޕޯޓް

މާލޭގައި ފެންބޮޑުވާ މަގުތަކުގެ %70އަށް ދާއިމީ ހައްލެއް ހޯދިފައި


މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ދާއިމީ ހައްލެއް މާލޭގެ ބޮޑުސަރަހައްދަކަށް މިހާރު ގެނެވިފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މާލޭގެ %70 ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް މިހާރު ހޯދިފައިވާކަމަށެވެ.ވާރޭ ވެހޭއިރަށް މާލޭގައި ފެންބޮޑުވެ އެއްގަމު ދަތުރުފަތުރަށް ހުރަސްއެޅި، ގޭގެއަށް ފެންވަދެ ތަކެއްޗަށް ގެއްލުން ލިބުން އެއީ މީގެކުރިން ވަރަށް ބޮޑު މައްސަލައަކަށްވެފައި އޮތްކަމެކެވެ. އަދި މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންެގެ ޝަކުވާވެސް ވަރަށް ބޮޑު ވެފައި އޮތް މައްސަލައެކެވެ.ފެންބޮޑުވެ މީހުންގެ ޝަކުވާތައް ގިނަވުމުން ސިޓީކައުންސިލުން މީގެކުރިން ކޮންމެފަހަރަކުވެސް ތަފާތު އުުޒުރުތަކާއި ސަބަބުތައް ދައްކައެވެ.މާލޭގެ މަގުތައް ރަނގަޅުފެންވަރަކަށް ހަދައި ނިންމިއިރު ފެންހިއްދުމަށްޓަކައި ކާނުތަކާއި އަދި ފެންހިއްކާނެ ޕަންޕު ނިޒާމެއް ގާއިމުކުރެވުނެވެ. އެކަމަކު މަރާމާތު ނުކުރެވި ގިނަދުވަސްތަކެއް ވުމުން އެނިޒާމު ވަނީ ހަލާކުވެފައެވެ.މިމައްސަލަ ސީރިއަސް މައްސަލައަކަށް ވެގެންދިޔައީ މިދިޔަ އަހަރުގެ ވިއްސާރަ މޫސުމުގައި މުޅި މާލޭގައި ފެންބޮޑުވުމުގެ ކާރިސާއަކާއި ދިމާވުމުންނެވެ. ފެންބޮޑުވިގޮތަށް އެއްތައް ދުވަހެއްވިއިރުވެސް މަގުތަކުން ފެންނުހިދުމުން ސަރުކާރުން މާލޭގެ ފެން ހިންދުމުގެ މަސައްކަތް ސިޓީކައުންސިލުން ނަގައި ހައުސިން މިނިސްޓްރީގެ ދަށަށްގެންދިޔައެވެ. އެއަށްފަހު ހައުސިންމިނިސްޓްރީން މާލޭގައި ފެންހިންދުމުގެ އާނިޒާމެއް އެމްޑަބްލިޔު އެސްއޭއާއި ގުޅިގެން ކުރަންފަށައި މިހާރުމިވަނީ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވިގޮތުން ހަތްދިހަ އިންސައްތަ ކަވަރކުރެވިފައެވެ.އާނިޒާމުގެ ފުރަތަމަ ތަޖުރިބާމިކުރެވުނީ ރޭ މާލެއަށް ބޯކޮށް ވެހުނު ވާރެޔާއެކުއެވެ.މިނިސްޓަރ މުއިއްޒު ވިދާޅުވީ، ކުރިން ފެނބޮޑުވެފައިވާ ގޮތަށް މިހާރު މާލޭގައި ފެންބޮޑުނުވާނެކަމަށެވެ. މިހާރު ޣިޔާސުއްދީން ސުކޫލް ސަރައްދާއި، އަދި ކުރިން އާއްމުކޮށް ފެންބޮޑުވާ، އަމީނީ މަގުގެ ބޮޑު ބައެއްގައި މިހާރު މައްސަލަ ހައްލުކުރެވިފައިވާކަމަށާއި އަދި އައިޖީއެމްއެޗް ސަރައްހައްދާއި ކަނބާ އައިސާރަނި ހިނގުމުގައި ވެސް މިހާރު ފެންބޮޑުވުމުގެ މައްސަލަ ކުރިން ކުރިމަތިވިގޮތަށް ކުރިމަތިނުވާނެކަމަށެވެ.މިސަރަހައްދުތަކަކީ މީގެ ކުރިން އެއްފޫޓާއި ދޮޅު ފޫޓްހާ ވަރަށް ފެންބޮޑުވެ ގޭގެއަށްވެސް ފެން ވަންނަ ސަރަހައްދުތަކެކެވެ. ނަމަވެސް އެސަރަހައްދުތަކުގައި ކާނުތައް ސާފުކޮށް، މިނިސްޓްރީންވަނީ ޕަމްޕުތަކެއް ހަރުކޮށް، ފެންގަނޑު ބޭރުވާގޮތް ހަދާފައެވެ.ޕަމްޕު ހަރުކޮށްފައިވަނީ އެންމެ ބޮޑަށް ފެންބޮޑުވާ ހަތަރު ސަރަހައްދެއްގައެވެ. އަދި އިތުރު ހަ ސަރަހައްދެއްގައި 6 ޕަމްޕް ހަރުކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ މުއިއްޒު ވިދާޅުވީ، އެކަމުގެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީއާއި ވަރަށް އަވަހަށް ސޮއިކުރެވޭނެކަމަށެވެ. އަދި އެ ހަޕަމްޕް ހަރުކުރެވުމުން ގިނަ ސަރަހައްދުތަކަކުން ފެން ބޭރުކުރުން އަވަސްވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެ ފެރީ ޓަރމިން ސަރައްދުގައިވެސް އެއް ޕަމްޕް ބަހައްޓާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެއިތުރުން އަޑިގުޑަން ހުންނަ ސަރަހައްދުތަކުގައި ފެން ހަރުލާފައި ހުންނަކަމަށާއި،އެހެންކަމުން އެސަރަހައްދުތަކުން ގާތައްނަގައި ފަސްއަޅާއި އެއްވަރުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރާނެކަމަށްވެސް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.ޕަމްޕް ނިޒާމުގެ މަސައްކަތް ހިގަމުންދާއިރު ހައުސިން މިނިސްޓްރީން ކޮންމެ ދުވަހަކު ކަހަލަގޮތަށް މަސައްކަތު މީހުން ނެރެ މާލޭގެ ކާނުތައް ސާފުކޮށްހަދާފައެވެ. މިހާރު މާލޭގެ 70 އިންސައްތަ ސާފުކުރެވިފައިވާކަމަށާއި، އެކަން ހުއްޓަނުލާ ކުރިއަށް ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ހައުސިން މިނިސްޓްރީން މިހާތަނަށް ހަތަރު މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.ކޮންމެއަކަށް ކުރިއަށް މިއޮތީ ވިއްސާރަ މޫސުމެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް މަގުހިގާމީހުންނަށާއި ޚާއްސަކޮށް ސްކޫލްކުދިންނަށް އަދި ދުއްވާ އެއްޗެއްސަށް ފަސޭހަ މަގުތަކަކަށް މާލޭގެ މަގުތައް ވުމަކީ އެންމެވެސް ބޭނުންވާނެގޮތެވެ.ރޭ މާލޭގައި ފެންބޮޑުނުވެ ދިޔަނަމަވެސް ހައުސިން މިނިސްޓްރީން މިކުރި މަސައްކަތާއިމެދު މީހުންނަށް އިތުބާރު ލިބިގެންދާނީ ވިއްސާރަ މޫސުމުގެ ކުރިއަށް އޮތް ދުވަސްތަކުންނެވެ.