ކުޅިވަރު

މޮރީޝަސް ބެޑްމިންޓަން ސީރީސް މުބާރާތަކީ ކާމިޔާބު މުބާރާތެއް - އަޙުމަދު އަދީމް


މޮރީޝަސް ބެޑްމިންޓަން ސީރީސް މުބާރާތަކީ ކާމިޔާބު މުބާރާތެއް ކަމަށާއި ބޭނުންވި ޓާގެޓް ވަރަށް ރަނގަޅަށް ހާސިލްވި ކަމަށް ޤައުމީ ބެޑްމިންޓަން ޓީމުގެ މެނޭޖާރ އަޙުމަދު އަދީމް ބުނެފިއެވެ.

މޮރީޝަސް ބެޑްމިންޓަން ސީރީސް ނިންމާލުމަށްފަހު ޤައުމީ ޓީމް އެނބުރި ރާއްޖެ އައިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަ ދައްކަމުން އަދީމް ބުނީ، މުބާރާތަށް ދިޔައީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން، ގިނަ މެޗްތަކަކުން މޮޅުވެ، އައިއޯއައިޖީއަށް އިތުބާރު ބޮޑުކުރަން ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އައިމިނަތް ނަބާހާ އާއި ފާތިމަތް ނަބީހާގެ ޕެއާއިން ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ.

އަދީމް ބުނީ، މުބާރާތުގައި ދިވެހި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައިފިނަމަ އައިއޯއައިޖީގެ އަމާޒަށް ވާސިލް ވެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިގެންޖެކަމަށެވެ.

އަދީމް ބުނީ، މިއަހަރުގެ މޮރީޝަސް ސީރީސް ފެންވަރުގެ ގޮތުން ބަލައިފިނަމަ ވަރަށް ތަފާތު ކަމަށާއި، ރާއްޖޭގެ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ވާދަކުރަން ޖެހުނީ އެހެން އަހަރުތަކާއި ޚިލާފަށް ވަރުގަދަ ކުޅުންތެރިންނާއިކަމަށެވެ.

އެގޮތުން އިދިކޮޅުން ވާދަކުރި ކުޅުންތެރިންނަކީ ފެންވަރު ރަނގަޅު މޮޅު ކުޅުންތެރިންކަން އަދީމް ވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެންގެ ޓާގެޓް ވަރަށް ރަނގަޅަށް ހާސިލްވެއްޖެ. ޚާއްސަކޮށް މިއަހަރު މުބާރާތް، މިދިޔަ އަހަރާއި އަޅާ ބަލާއިރު ފެންވަރުގެ ގޮތުން ވަރަށް ބޮޑުތަން ތަފާތު، އޮލިމްޕިކް ފެންވަރުގެ ކުޅުންތެރިންނާއި މި ވާދަކުރީ، އެހެން ލެވެލްއެއް އެއީ، އެހެންވީމަ މިމުބާރާތް ވަރަށް ކާމިޔާބު ކަމަށް ދެކެނީ، އަދީމް ބުންޏެވެ.

އަދީމް ބުނީ މިމުބާރާތުން ރާއްޖެ ކުޅުންތެރިންނަށް ބޭނުންވާ ޓާގެޓް ވަރަށް ރަނގަޅަށް ހާސިލްވެއްޖެ ކަމަށެވެ.