ކުޅިވަރު

ކުރިއެރުން އެބަ ފެނޭ، އައިއޯއައިޖީގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ - ކޯޗު


މިދިޔަ މަހެއްހާ ދުވަހު ކުރި ތަމްރީންތަކުން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެކަމަށް ޤައުމީ ބާސްކެޓްބޯޅަ ޓީމްގެ ކޯޗު ކޯރޭ ބެލްސާ ބުނެފިއެވެ.

ޤައުމީ ބާސްކެޓްބޯޅަ ޓީމް މިހާރު ފަރިތަކުރަމުންދަނީ އަންނަ މަހު މޮރީޝަސްގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށެވެ. މި ގޭމްސްއާއި އަންނަ އޮގަސްޓް މަހު އޮންނަ ސާބާ ޗެމްޕިއަންޝިޕަށް ޓިމް ތައްޔާރުވަމުންދަނީ އެމެރިކާގެ ކޯރޭ ބެލްސާގެ އިރުޝާދުގެ ދަށުންނެވެ.

ފަރިތަކުރުންތަކާއި ގުޅޭގޮތުން ކޯޗު ކޯރޭ ބެލްސާ ބުނީ މިދިޔަ މަހެއްހާ ދުވަހު ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެކަމަށާއި، އުއްމީދުކުރަނީ ރަނގަޅު ކާމިޔާބެއް ހޯދަންކަމަށެވެ. އައިއޯއައިޖީއަކީ ވަރުގަދަ މެޗުތަކެއް ކުޅެން ލިބޭ ފުރުސަތެއްކަމަށާއި، ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވާ ވަރުގެ ބައިވެރިވުމެއް ޕްރެކްޓިސްތަކުގައި ލިބޭކަމަށެވެ.

"ވަރަށް ރަނގަޅު މިކްސް އެއް މިއޮތީ، ތަޖުރިބާ ބޮޑު ސްކޮޑެއް، ޒުވާން ކުޅުންތެރިންވެސް އެބަތިބި، ވަރަށް ހިތްހަމަޖެހޭވަރުގެ ކުރިއެރުމެއް އެބަފެނޭ މުޅި ޓީމުން"

ރާއްޖޭގެ ޤައުމީ ޓީމަކީ ރަނގަޅު ކާމިޔާބީތައް ހޯދޭނެ ޓީމެއްކަމަށާއި، ކުޅުންތެރިންގެ ކިބައިގައި އެ ހުނަރު އެބަހުރިކަމަށް ކޯޗު ބުންޏެވެ.