ކުޅިވަރު

ފްރާންސްގެ ކޮރަޕްޝަން އިންވެސްޓިގޭޝަން ޔުނިޓުން ޕްލެޓިނީއާ ސުވާލުކޮށްފި


ގަތަރަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑް ކުރުމުގައި އޭނާ ރިޝްވަތު ނެގިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފްރާންސްގެ ކޮރަޕްޝަން އިންވެސްޓިގޭޝަން ޔުނިޓުން މިޝޭލް ޕްލެޓިނީއާ ސުވާލުކޮށްފިއެވެ.
ޔޫއޭފާގެ ކުރީގެ ރައީސް އަދި މަގާމުގެ ހައިސިއްޔަތުން ފީފާގެ ނައިބް ރައީސްކަން ކުރެއްވި ޕްލެޓިނީއާ ސުވާލުކުރީ އޭނާ ހައްޔަރުކުރުމަށްފަހުއެވެ. ނަމަވެސް އޭނާ ވަނީ ތުހުމަތުތަކަށް ދެކޮޅު ހައްދަވާފައިއެވެ.
ޕްލެޓިނީ މިވަގުތު ވެސް ހުންނެވީ ފުޓްބޯޅައިގެ އެންމްހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިއެވެ. އެއީ ކޮރަޕްޝަނުގެ މައްސަލާގައި ސަސްޕެންޑްކޮށްފައި ހުރި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ދެއްވި ފައިސާގައި ހިއްޕެވި ކަމުގެ ތުހުމަތުގައިއެވެ.
ޕްލެޓިނީއާ ސުވާލުކުރާ ކަންކަމުގެ ތެރޭގައި ގަތަރަށް ވޯލްޑް ކަޕް އެވޯޑް ކުރުމުގެ ދެތިން ދުވަސް ކުރިން ސްވިޒަލޭންޑްގައި އޭނާ ގަތަރުގެ އޮފިޝަލުންނާ ބައްދަލުކުރި މައްސަލަ ހިމެނެއެވެ.