ކުޅިވަރު

ކްރިކެޓް ވޯލްޑް ކަޕް ބޮޑު ސްކްރީނަށް


މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕް ބޮޑު ސްކްރީނުން ބެލުމުގެ ފުރުސަތު ހޯދައިދޭން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ނިންމައިފިއެވެ.

ކްރިކެޓަކީ ދިވެހިންގެ މެދުގައިވެސް މިހާރު ބޮޑު މަގުބޫލްކަމެއް ހޯދައިފައިވާ އަދި ހަމަ އެހާމެ ގަޔާވެގެން ބަލާ ކުޅިވަރެކެވެ. މީގެކުރިން ބައެއް ފަރާތްތަކުން ވަނީ ކްރިކެޓް ބަލަން އެއް ދުވަސް ހޭދަވާކަމަށާއި އެއީ ވަރަށް ފޫހި އަދި ވަރަށް ގިނަ ވަގުތު ހޭދަނާ ކުޅިވަރެއްކަމަށް ބުނެފައެވެ. ނަމަވެސް އެހެން ބުނި ފަރާތްތަކުން މިއަދު ގޭގޭގެ ސިޓިން ރޫމްތަކާއި ރެސްޓޯރަންޓްތަކުގައި ކްރިކެޓް ބަލާވަރު މަދެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ އެއްނަންބަރު ކުޅިވަރަކީ ފުޓްބޯޅަކަމާމެދު ސުވާލުއުފެދޭނެ ފުރުސަތެއް ހަމަގައިމުވެސް އަދި ނެތެވެ. އެހެންނަމަވެސް މިއަދު ފުޓްބޯޅަ މެޗް ދޫކޮށްލާފައި ކްރިކެޓް މެޗް ބަލާމީހުން މަދުންނަމަވެސް ދަނީ ފެންނަމުންނެވެ.

ކްރިކެޓްގެ ފޯރި ރާއްޖޭގައި އެންމެ ގަދަވަނީ އާންމުކޮށް ކްރިކެޓް ވޯލްޑްކަޕާއި ދިމާކޮށެވެ. މިދުވަސްވަރު އެންމެ ބޮޑަށް މަގުމަތިން ފާހަގަކޮށްލެވެނީ ކްރިކެޓް ބަލަން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މަގުމަތީގައި ތިބޭ މަންޒަރެވެ. ފިހާރަތަކާއި ރެސްޓޯރަންޓްތަކުގެ ބޭރުގައި މެޗް ބަލަން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ތިބޭ މަންޒަރުވެ. މިއީ މިހާރު އެކަނި ހިނގާކަމެއްނޫން، މިއީ މީގެ އެތަކެއް އަހަރެއްކުރިންވެސް ރާއްޖޭގައި ފެންނަ މަންޒަރެކެވެ.

ނަމަވެސް އިއްޔެ ވަނީ މިކަމަށް ހައްލެއް ގެނެސްފައެވެ. ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ މާފަންނު ޔޫތް ސެންޓަރުގައި ހުންނަ ބޮޑު ސްރީނުން ކްރިކެޓް ބެލޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. މިހާރު ބިދޭސީން މެޗް ބަލަން ތިބެނީ މަގުމަތީގައި ކޮޅަށެވެ.

މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓްއެއްގައި ފާހަގަކޮށްފައި ވަނީ ވީހާވެސް ގިނަ ބިދޭސީންނަށް މެޗް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ޔޫތް ސެންޓަރުގައި، ފަސޭހައިން މެޗް ބެލޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައިއެވެ. އަދި ޕްލޭނިން މިނިސްޓްރީއާއެކު މަސައްކަތްކޮށް ވީހާވެސް އަވަހަށް އެކަމަށް ހައްލެއް ގެންނާނެކަމަށް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

މިކަން މިނިސްޓަރުގެ ސަމާލުކަމަށް އައިސްފައި ވަނީ ޓުވީޓަރގައި ބައެއް އާމުން ހިއްސާކޮށްފައިވާ ފޮޓޯތަކުގެ ސަބަބުންނެވެ. ކްރިކެޓް ވޯލްޑްކަޕް ފަސޭހައިން ބަލާލެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމުން ވަރަށް ގިނަ ބަޔަކަށް އެކަމުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ވަރަށް ގިނަ ގައުމުތަކުގެ މީހުން ނިސްބަތްވާ ގައުމްތަކުން ކްރިކެޓް ވޯލްޑްކަޕްގައި ދަނީ ކުޅެމުންނެވެ. މިގޮތުން އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝް އަދި ސްރީލަންކާ ފަދަ ޤައުމު ތަކަކީ ކްރިކެޓްގެ ގަދަ ބާރުތަކެކެވެ.