ސިޔާސީ

"ބިގް"އަށް ފައިސާ ދެއްކުމަށް މިސަރުކާރުން ލަފާދީފައިނުވާނެ - އޭޖީ ރިފްޢަތު


ބިޒްނަސް އިމޭޖް ގްރޫޕް "ބިގް"އަށް ފައިސާ ދެއްކުމަށް މިސަރުކާރުން އެއްވެސް ފަރާތަކަށް ލަފާ ދެއްވާފައި ނުވާނެކަމަށް ބަންޑާރަނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ. ބަންޑާރ ނާއިބު މިހެން ވިދާޅުވީ، ބިގަށް ދައުލަތުން ގިނަ ޢަދަދެއްގެ ފައިސާ ދޭންޖެހޭ މައްސަލައާ ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރައްވާ ސުވާލަށް ޖަވާބުދެއްވުމަށް މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އެމްއެންބީސީ އިން ބިޒްނަސް އިމޭޖް ގްރޫޕް، ބިގަށް ދައްކަންޖެހޭ 78 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށް ފައިވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ނަމަވެސް އެފައިސާ ބިގަށް ދައްކަން ފަށާފައިވަނީ، މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތާ ކުރެއްވި ސުވާލަކީ، ސިވިލް ކޯޓުގެ ޙުކުމާ އެއްގޮތަށް "ބިގް" ކުންފުންޏަށް ފައިސާ ދޫކުރުމަށް ދައުލަތުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ޤާނޫނީ ލަފާދެއްވިންތޯއާއި، އެ ކުންފުންޏަށް ފައިސާ ދޫކުރައްވާފައިވާކަން އެނގިވަޑައިގަންނަވާތޯއެވެ؟

ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަ ނާއިބު ރިފްޢަތު ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، އެމްއެންބީސީގެ މައްޗަށް ސިވިލް ކޯޓްގައި ދައުވާއުފުލި މައްސަލައަކީ ދައުލަތަށް ދައުވާ ލިބޭ މައްސަލައެއްނޫންކަމަށާ ދައުލަތުން އިސްތިއުނާފްކުރަންޖެހޭ މައްސަލައެއްވެސް ނޫންކަމަށެވެ. ރިފްޢަތު ވިދާޅުވީ، އެމްއެންބީސީން ބިގަށް ފައިސާ ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާއިރު، އެކުންފުނީގެ ހުރިހާ ހައްގުތަކާއި އިލްތިމާސްތައް އެމްބީސީއަށް އަދި އޭގެފަހުން ޕީއެސްއެމްގެ ޤާނޫނަކުން ބަދަލުކޮށްފައިވާކަމަށެވެ. 3 ކުންފުންޏެއް ތަމްސީލްކުރާ ކަމަކަށްވާއިރު މިއީ ބަންޑާރަ ނާއިބުގެ އޮފީހުން ތަމްސީލްކުރަންޖެހޭ މައްސަލައެއްވެސް ނޫންކަމަށް ރިފްޢަތު ވިދާޅުވިއެވެ.

އޭޖީ ރިފްޢަތު ވިދާޅުވީ، ދައުލަތުން ފައިސާ ދެއްކުމަށް އެއްވެސް ފަރާތަކަށް މިސަރުކާރުން ލަފާދީފައިނުވާކަމަށާ ނަމަވެސް އެފައިސާ ދޫކޮށްފައިވަނީ 2016ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 22ވަނަ ދުވަހު އޭރުގެ ޑެޕިއުޓީ ބަންޑާރަ ނާއިބު އަދި މިހާރު ވިލިމާލެ ދައިރާގެ މެންބަރު އަޙްމަދު އުޝާމް ސޮއިކުރައްވައި ދެއްވި ލަފާފުޅުގެ މަތިންކަމަށެވެ.

"އޭޖީ އޮފީހުން ލަފާދެއްވާފައިވަނީ އެމްއެންބީސީގެ ހުރިހާ ޙައްޤުތަކާއި އިލްތިމާޒްތައް އެމްބީސީއަށް ބަދަލުކޮށް އޭގެ ފަހުން އެމްބީސީން ޕީއެސްއެމް ކިޔާ ކުންފުންޏަށް ބަދަލުކޮށްފައިވާތީ އެމްއެންބީސީއިން ބިގަށް ދައްކަންޖެހޭ ފައިސާއަކީ ޕީއެސްއެމް އިން ދައްކަންޖެހޭ ފައިސާކަމަށް. މި ލަފާ 2016 ސެޕްތެމްބަރ 22 ގައި އެ ުންފުނީގެ ބޯޑަށް ސިޓީއަކުން އޭރުގެ ޑެޕިއުޓީ އޭޖީ އަޙްމަދު އުޝާމްގެ ލަފާމަތިން ފައިސާ ދޫކޮށްފައިވަނީ." އޭޖީ ރިފްޢަތު ވިދާޅުވިއެވެ.

އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުޞަތުގައި އުޝާމް ވިދާޅުވީ އޭނާ 10 އަހަރު އޭޖީ އޮފީހުގައި މަސައްކަތްކުރެއްވިއިިރު އެތައް ލަފާއެއްގައި ސޮއިކުރައްވާފައިވާނެކަމަށެވެ.

މީގެ އިތުރުން "ބިގް" ކުންފުންޏަކީ މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްގެ މަޞްލަޙަތު އޮތް ކުންފުންޏެއްތޯވެސް ޖާބިރު ވަނީ ސުވާލުކުރައްވާފައެވެ. މިސުވާލަކީ ޒާތީ ސުވާލެއްކަމުން ޤާނޫނު އަސާސީއާއި މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ޖަވާބުދެއްވަން ޖެހިވަޑައިނުގަންނަވާނެކަމަށް ރިޔާސަތުންވެސް އަދި މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް އެކަން އޮޅުންފިލުއްވާދެއްވަން ބޭނުންފުޅުވާކަން ފާޙަގަކުރައްވާ މިނިސްޓަރ ފައްޔާޟް ވިދާޅުވީ، 2015ވަނަ އަހަރާއި ހަމައަށް އެމަނިކުފާނުގެ މަސްލަހަތު ވަރަށް ބޮޑުކޮށް އެކުންފުނީގައި އޮތްކަމަށެވެ. ނަމަވެސް 2015 ވަނަ އަހަރުން ފެށިގެން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ޑިރެކްޓަރުންގެ ބޯޑުން އިސްތިއުފާދެއްވާފައިވާކަމަށެވެ. އދި އޭގެ ފަހުން އެކުންފުނީގައި އެއްވެސް މަސްލަހަތެއް ނޯންނާނެކަމަށް ފައްޔާޟް ވިދާޅުވިއެވެ.

ޖާބިރު ވަނީ "ބިގް" ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ފައްޔާޟްގެ އާއިލީ މެންބަރަކު ނުވަތަ ގާތް ރައްޓެއްސަކު އެބަހުރިތޯއާއި، އެ ކުންފުނީގެ މަޞްލަޙަތު އޮތް މީހަކު ސަރުކާރުގެ އެއްވެސް ބޯޑަކަށް ޢައްޔަންކޮށްފައިވާކަން އެނގިވަޑައިގަންނަވާތޯވެސް ސުވާލުކުރައްވާފައެވެ. ޖަވާބުގައި މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ވަރަށް ގާތް ރަޙްމަތްތެރިން އެކުންފީގެ ހިއްސާދާރުގެ ގޮތުގައި ތިއްބެވިކަމަށާއި، އެއްބަންޑު އެއްބަފާ ބޭބެއަކުވެސް އޭގެ ތެރޭގައި ހިމެނޭކަމަށެވެ. ނަމަވެސް މިސަރުކާރުގެ އެއްވެސް މަޤާމެއްގައި ހުންނެވިކަން އެނގިވަޑައި ނުގަންނަވާކަމަށެވެ.

"2015 ވަނަ އަހަރުގެ މާޗްމަހު ވާނީ ހިއްސާދާރުކަމާ އަދި ޑިރެކްޓަރުންގެ ބޯޑިން ވަކިވެފައި. މި ހުކުމެއް އާއިރުގަ އަޅުގަނޑަކީ އެކުންފުނީގެ އެއްވެސް މަސްލަހަތެއް އޮތް މީހެއް ނޫން." ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒާއި ކުރެއްވި ސުވާލަކީ ޒާތީ ސުވާލެއްކަމަށް ރިޔާސަތުންވެސް ފާހަގަކުރެއްވުމާއި ބައެއް މެންބަރުންވެސް އެގޮތަށް ފާހަގަކުރެއްވުމުން މަޖިލީހުގެ ތަޅުން ހޫނުވެ އިތުރު ސުވާލެއް މިނިސްޓަރާއި އަމާޒުކުރެވޭގޮތެއް ނުވިއެވެ.