ތަރައްްޤީ

ވީ.އައި.އޭގެ އީސްޓް އޭޕްރަންގެ މަސައްކަތް ނިންމައި ޓެސްޓު ކުރަނީ


ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ތަރައްޤީކުރާ އީސްޓް އޭޕްރަންގެ މަސައްކަތް ނިންމައި ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމް.އޭ.ސީ.އެލްއިން ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފްލައިޓްތައް ޕާކުރުމުގައި ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެއަރޕޯޓުގެ އުތުރު ފަރާތާއި، ހުޅުނގު ފަރާތުގައި އެމް.އޭ.ސީ.އެލުން އަންނަނީ އޭޕްރަންތައް ތަރައްޤީކުރަމުންނެވެ. އެގޮތުން އެއަރޕޯޓުގައި ތަރައްޤީކުރާ އައު އީސްޓް އޭޕްރަންގެ މަސައްކަތް މިހާރު އޮތީ އެންމެފަހު މަރުހަލާގައި ކަމަށާ، އޭޕްރަނަށް ބޭނުންވާ މާކިންގތައް ކުރެހުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އޭޕްރަން ކަމިޝަންކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓުތައް ހެދުމުގެ މަސައްކަތްކަމަށްވެސް އެމް.އޭ.ސީ،އެލުން ވިދާޅުވެއެވެ.

ހުޅުލޭގެ އިރުމަތީ ފަރާތުގައި ތަރައްޤީކުރާ މި އޭޕްރަންއަކީ ފަންސާސް ފަސްހާސް ތިން ސަތޭކަ އަކަމީޓާރުގެ ޖާގައިގެ އޭޕްރަންއެކެވެ. މިތަނުގައި ވައިޑް-ބޮޑީ އެއަރކްރާފްޓުގެ 3 މަތިންދާބޯޓަށާއި، ނެރޯ-ބޮޑީގެ 2 އެއަރކްރާފްޓަށް ނުވަތަ ނެރޯ-ބޮޑީގެ 8 އެއަރކްރާފްޓަށް އެއްފަހަރާ ޕާކުކުރެވޭނެ ކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ފަސިންޖަރުންގެ ޢަދަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، އެއަރޕޯޓަށް އޮޕަރޭޓްކުރާ ޗާޓަރޑް ފްލައިޓްތަކާއި، ޕްރައިވެޓް ޖެޓުތަކުގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިއާއެކު ފްލައިޓްތައް ޕާކުކުރުމަށް އެކަށީގެންވާ ޖާގަ ވީ.އައި.އޭގައި ނެތުމަކީ މިވަގުތު އެއަރޕޯޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިކަން ހައްލުކުރުމަށްޓަކާ ހުޅުލޭގެ އުތުރުފަރާތުގެ އިތުރުން ހުޅަނގު ފަރާތުގައިވެސް އޭޕްރަންއެއް ތަރައްޤީކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން ދަނީ ކުރަމުންނެވެ.