ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑުބަޔަކަށް "ވައިޓް އެލަރޓް" ނެރެފި


މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑުބަޔަކަށް "ވައިޓް އެލަރޓް" ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވާގޮތުގައި "ވައިޓް އެލަރޓް" ނެރެފައިވަނީ ބ.އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ސަރަޙައްދަށެވެ. އެއިދާރާއިން ވިދާޅުވީ މިސަރަޙައްދުތަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރު މިނުގައި ވައިގަދަވާނެކަމަށް ލަފާކުރެވޭއިރު، މޫސުމާބެހޭ ޤައުމީ އިދާރާއިން މިސަރަހައްދުތަކަށް ވައިޓް އެލަރޓް ނެރެފައިވަނީ ހެނދުނު 08:45އިން މެންދުރު 14:00އާ ހަމައަށެވެ.

މީގެ އިތުރުން މެދުތެރޭގެ ކަނޑުުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭއިރު އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ރޭވެސް ބައެއް ގޭގޭގެއަށް ވަނީ ގެއްލުންވެފައެވެ.