ކުޅިވަރު

ބްރެޒިލްއާއި ދެކޮޅަށް މުހިންމީ ރަނގަޅަށް ޑިފެންސްއެއް - ވެނެޒުއޭލާ


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިރޭ ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުގައި އެންމެ މުހިންމީ ރަނގަޅަށް ޑިފެންސް ކުރުން ކަމަށް ވެނެޒުއޭލާއިން ބުނެފި އެވެ.
އެ ޓީމުގެ ކޯޗު ރަފޭލް ޑުއެޑެލް ބުނީ ބްރެޒިލަކީ ވަރުގަދަ އެޓޭކިން ފޯސްއެއް ޓީމެއް ކަމަށެވެ.

"އަހަރުމެން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އެމީހުންނަށް ފުރުސަތުނުދީ ރަނގަޅަށް ޑިފެންސް ކުރުން. ބްރެޒިލް އަމިއްލަ ގައުމުގައި ކުޅޭއިރު ގިނަ ލަނޑު ޖަހަން ވެސް ބޭނުންވާނެ. އެކަމަކު މި މެޗުގައި އަހަރުމެންގެ އެންމެ މުހިންމު ޑިޕާޓްމަންޓަކަށް ވާނީ ޑިފެންސް،" ކޯޗު ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވެނެޒުއޭލާ ވަނީ ޕެރޫއާ ވާދަކޮށް 1-1އިން އެއްވަރުވެފަ އެވެ. ބްރެޒިލް ވަނީ ބޮލީވިއާއާ ވާދަކޮށް 3-0އިން މޮޅުވެފަ އެވެ. މި މެޗުގައި ފިލިޕޭ ކުޓީނިއޯ ވަނީ ދެ ލަނޑު ޖަހާފަ އެވެ.

މެޗުގެ ކުރިން އޭނާ ބުނީ ގައުމީ ޓީމުގައި އޭނާ ލައްވާ ކުޅުވާ މަގާމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"އަހަރެން ލޯބިކުރަން އަރިމަތިން ކުޅުމަށްވުރެ ބޮޑަށް މެދުން ކުރިއަށް ކުޅެން. އަހަންނަށް އަހަރެންގެ ކުޅުން މާބޮޑަށް ދައްކާލެވޭ އެ ޕޮޒިޝަނުގައި،" ކުޓީނިއޯ ބުންޏެވެ.
މި މެޗު ފަށާނީ މިރޭ ފަތިހު 5:30ގަ އެވެ.