ކުޅިވަރު

ޖަޕާން އަތުން މޮޅު ވެވުނީ ފަހު ހާފްގަ - ސަންޗޭޒް


ޖަޕާން އަތުން 4-0އިން މޮޅުވި މެޗުގައި ދެއްކުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި މޮޅަށް ކުޅެވުނީ ފަހުހާފުގައި ކަމަށް ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒް ބުނެފި އެވެ.
އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޖަޕާން އަތުން މޮޅުވި މެޗުގައި ތިން ވަނަ ލަނޑު ޖެހީ 82 ވަނަ މިނިޓްގައި ސަންޗޭޒެވެ. އަދި 83 ވަނަ މިނިޓްގައި ޗިލީން ލަނޑު ޖެހީ އޭނާ ދިން ޕާހަކުންނެވެ.
"އަހަރެން މީގެ ހަ ހަފުތާކުރިން ހުރީ ވަރަށް އުނދަގޫ ހާލަތެއްގައި. އެކަމަކު އަހަރެން މިހާރު މިހުރީ އުފަލުން. ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ކުޅެވުނީ ފަހު ހާފުގައި. ފަހުހާފުގައި އަހަރެން ވަރަށް ފްރީކޮށް ކުޅުނިން،" ސަންޗޭޒް ބުންޏެވެ.
ޗިލީގެ ކޯޗު ރެއިނާލްޑޯ ރުއެޑާ ބުނީ 2015 ވަނަ އަހަރަށް ފަހު އޭނާގެ ޓީމު އަންނަނީ ޓީމެއްގެ ގޮތުގައި ރަނގަޅުވަމުން ކަމަށެވެ. މިހެންވެ މި ފަހަރު ވެސް ތަށި ދިފާއު ކުރެވޭނެ ކަމުގެ ޔަގީންކަން ކުޅުންތެރިން ގެންގުޅޭ ކަމަށެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅޭ ގަދަފަދަ ގައުމުތަކުގެ ތެރެއިން މިހާތަނަށް ބަލިވީ އާޖެންޓީނާ އެކަންޏެވެ. މުބާރާތުގައި މިރޭ ކުޅޭނީ މުބާރާތް ބާއްވާ ގައުމު ބްރެޒިލް އާއި ވެނެޒުއޭލާ އެވެ. މި މެޗު ފަށާނީ ފަތިހު 5:30ގަ އެވެ.