ސިޔާސީ

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅައިފި


ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. ޖޭއެސްސީގެ ޑިރެކްޓަރ ޙަސަން ޒަހީން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނަށް ހުށައަޅާފައިވާކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަކަމަށެވެ. ނަމަވެސް އެއީ ކޮން ފަނޑިޔާރުންނެއްކަމެއް އަދި ކޮން މައްސަލައެއްކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ޖޭއެސްސީއަށް ހުށައަޅާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ސޮއިކުރުމަށްފަހު، ފަހުން އެ އަމުރު ބާޠިލްކަމަށް ކަނޑައަޅާ ސޮއިކުރި 3 ފަނޑިޔާރުންގެ ސްލޫކީ މައްސަލައެކެވެ. އެ ތިން ފަނޑިޔާރުންނަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲއެވެ.

2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ފަސް ފަނޑިޔާރުންގެ ސޮޔާއެކު ޢަމުރު ނެރުނު މައްސަލާގައި އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ޙަމީދު ހައްޔަރުކުރިއެވެ. އަދި ފަހުން ވަނީ އެ ޢަމުރުގައި ސޮއިކުރެއްވި އަނެއް ތިން ފަނޑިޔާރުން އެ ޢަމުރު ބާޠިލުކުރައްވާފައެވެ.

ސުޕްރީމްކޯޓްގެ 3 ފަނޑިޔާރެއްގެ މައްސަލަ ހުށައަޅާފައިވާކަމަށް ޖޭއެސްސީން ހާމަކުރިއިރު އެ ކޮމިޝަނުން އަންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ވެސް ބަލަމުންނެވެ. އެ މައްސަލަތަކުގައި ރޭ ވަނީ އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވެސްކޮށްފައެވެ. ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލަ ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ޖޭއެސްސީގެ ހަ މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާކަމަށް ޖޭޢެސްސީން ވިދާޅުވެއެވެ.