ޚަބަރު

"ރިވެލި އެވޯޑް 2019"ގެ 2 ދާއިރާއަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެގޮތުން ދޭ "ރިވެލި އެވޯޑް 2019" ގެ ދެ ދާއިރާއަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މިއަހަރުގެ ރިވެލި އެވޯޑް ޖުމްލަ 9 ދާއިރާއަކުން ދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން 2 ދާއިރާއަކަށް އާއްމުން ކުރިމަތިލާފައިނުވާތީ، އެ ދެ ދާއިރާއަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އަލުން ވަނީ ހުޅުވާލާފައެވެ. މި 9 ދާއިރާގެ ތެރެއިން އަލުން ކުރިމަތިލުމަށް ހުޅުވާލި ދެ ދާއިރާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަޞީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާއާއި، ޚާއްޞަ ދާއިރާއެވެ.

ރިވެލި އެވޯޑަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލާއި ގުޅިގެން ކޮންމެ 2 އަހަރުން 1 އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންދޭ އެވޯޑެކެވެ.

ރިވެލި އެވޯޑަށް ކުރިމަތި ލެވޭނީ ޚާއްޞަވެގެންވާ އެއް ދާއިރާއަކަށް، އަމިއްލައަށް ނަން ހުށަހަޅައިގެން ނުވަތަ އެހެން ފަރާތަކުން ނަން ހުށަހަޅައިގެންނެވެ.