ވިޔަފާރި

މޯލްޑިވިއަންއިން ބެންކޮކް ދަތުރަކަށް 4903 ރުފިޔާ


މޯލްޑިވިއަންއިން ބެންކޮކަށް 4903 ރުފިޔާއަށް ދަތުރުކުރެވޭ ފެއަރއެއް ދަތުރުތައް ފަށައިފިއެވެ.

ބެންކޮކަށް ތަޢާރަފްކޮށްފައިވާ މި ޚާއްސަ ފެއަރގައި 318 ޑޮލަރު ނުވަތަ 4903 ރުފިޔާއަށް ދެކޮޅު ޓިކެޓް ލިބޭނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ. މިފެއަރގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ޖުލައިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ޓިކެޓް ނެގުމަށް މޯލްޑިވިއަންއިން ބުނެއެވެ.

މޯލްޑިވިއަންއިން ބުނީ މިފެއަރގައި ދަތުރުކުރާ ފަރާތްތަކަށް 40 ކިލޯގެ ބެގޭޖް އެލެވެންސެއް ލިބޭނެކަމަށެވެ. މޯލްޑިވިއަން އިން ތަޢާރަފްކޮށްފައިވާ މިފެއަރ ދިވެހިންނަށް ޚާއްސަކޮށްފައިވާއިރު މިފެއަރގައި ދަތުރުކުރާ ބޭރުގެ ފަރާތްތަކުގެ އަތުން އިތުރު 26 ޑޮލަރު ނެގޭނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން އެކި ދުވަސްތަކާއި ގުޅުވައިގެން ތަފާތު ފެއަރތަކެއް ބާއްވާއިރު މިދިޔަ ފިތުރު ޢީދަށް ޚާއްސަކޮށްގެންވެސް މޯލްޑިވިއަންއިން ވަނީ ބެންކޮކަށް ކުރާ ދަތުރުތަކަށް ޚާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންގޮސްފައެވެ.

މޯލްޑިވިއަނުން އަންނަނީ ހަފްތާއަކު ހަ ދަތުރު ތައިލޭންޑުގެ ވެރިރަށް ބެންކޮކަށް ކުރަމުންނެވެ. މޯލްޑިވިއަނުން ބެންކޮކަށް ދަތުރުތައް ފަށާފައިވަނީ 2015ވަނަ އަހަރުގެ މާރޗުމަހުގެ ވިހިވަނަ ދުވަހުއެވެ.

މޯލްޑިވިއަންއިން ގެންދަނީ ރާއްޖޭގެ 10 އެއަރޕޯޓަކަށާއި، ބައިނަލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. އަދި މީގެއިތުރުން ރާއްޖޭގެ ރިސޯޓްތަކަށް އަމާޒްކޮށްގެން ސީ ޕްލޭންގެ ޙިދުމަތްވެސް މޯލްޑިވިއަނުންދަނީ ދެމުންނެވެ. އަދި ކުރިއަށްއޮތްތަނުގައި ޔޫރަޕަށްވެސް ދަތުރުތައް ފެށުމަށްވެސް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.