ޚަބަރު

ހައްދުފަހަނައަޅާފައިވާ ފިކުރުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑު - އަލީ ޒާހިރު


ހައްދުފަހަނައަޅާފައިވާ ފިކުރު ޕްރޮމޯޓުކުރާ ފަރާތްތަކުން ރާއްޖެއަށް ޚާއްސަކޮށްގެން ސޯޝަލް މީޑިއާ މެދުވެރިކޮށް އެފިކުރަށް މީހުން ލެންބުމަށް މަސައްކަތްކުރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންންޓަރާއި، ޔޫ.އެން.އޯ.ޑީސީން އިންތިޒާމުކޮށްގެން "އިފެކްޓިވް ޕްރިވެންޝަން އެންޑް އިންޓަރވެންޝަން އޮފް ދަ ޔޫސް އޮފް އިންޓަރނެޓް އެންޑް ސޯޝަލް މީޑިއާ ބައި ޔަންގް އެޑަލްޓްސް ފޯ ޓެރަރިސްޓް ރެކެރޫޓްމަންޓް އިން ސައުތު އޭޝިޔާ" ގެ ނަމުގައި މިއަދު ފެށި މަސައްކަތު ބައްދަލުވުން އިފްތިތާޙްކޮށްދެއްވުމަށްފަހު ޕީ.އެސް.އެމް ނިއުސް އާއި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖެއަކީވެސް ދުނިޔޭގެ އެހެން ޤައުމުތަކާއެއް ހަމައެއްގައި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުންދާ ޤައުމެއްކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ، ދުނިޔޭގައި އެކި ފެންވަރުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ޓެރަރިޒަމާއި ހައްދުފަހަނަ އެޅުން ޕްރޮމޯޓްކުރުމުގެ ބިރުވެރިންކަން ރާއްޖެއަށްވެސް ފޯރާފައިވާކަމަށެވެ.

އެގޮތުން ދިވެހިންގެ ތެރެއިން ޚާއްސަކޮށް ޒުވާނުންގެ ބޮޑު އިންސައްތައެއް އާންމުގޮތެއްގައި ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހައްދުފަހަނައަަޅާފައިވާ ފިކުރަށް ދިވެހިން ލެންބުމަށް މަސައްކަތްކުރާކަން ކަމާބެހޭ އިދާރާތަކަށް ފާހަގަކުރެވިފައިވާކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

"ރާއްޖޭގައިވެސް ހަމަ ވަރަށްބޮޑަށް އެކަމުގެ ނުރައްކާ އޮތްކަން ފާހަގަކުރެވޭ. ކަމާބެހޭ ފަރާތްތަކުގެ ރެކޯޑްތަކުން އެބަ ދައްކާ މި ފަރާތްތައް ވަރަށް ބޮޑަށް ރާއްޖޭގައި ޚާއްސަގޮތެއްގައި ސޯޝަލް މީޑިއާ ބޭނުންކޮށްގެން އެމީހުންނަށް ބޭނުންވާ މީހުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރަމުންދާކަން އެއީ މިހާރުވެސް ކަމާބެހޭ ފަރާތްތަކަށް ނޯޓިސްކުރެވިފައިވާކަމެއް. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި މިއީ ރާއްޖެއަށް ވަރަށް މުހިއްމު ވޯކްޝޮޕެއް" އަލީ ޒާހިރު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ޒުވާނުން ހައްދުފަހަނައަޅައިދިއުމުގެ ފިކުރުތަކަށް ލެންބުމަށްކުރެވޭ މަސައްކަތްތައް ހުއްޓުވާ އެކަންކަމާއި މެދު އެޅި ދާނެ ފިޔަވަޅުތައް ދެނެގަތުމަށް ކުރިޔަށް ގެންދާ މި ވޯކްޝޮޕްގައި ރާއްޖޭގެ އިތުރުން އަވައްޓެރި ސްރީލަންކާއާއި، ބަންގްލަދޭޝްގެ ލޯ އެންފޯސްމަންޓް އިދާރާތަކުންވެސް ބައިވެރިވެއެވެ.

މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.