ޚަބަރު

މާލޭގެ އިތުރު ރޫޓަކަށް ބަސް ދަތުރު ނުފެށި ލަސްވަނީ މަގުތައް ހުރިގޮތުން - އެމްޕީއެލް


މާލޭގެ އިތުރު ރޫޓަކަށް މާލެ-ހުޅުމާލެ ބަސް ދަތުރުތައް ފެށުން ލަސްވަނީ މަގުގައި ބަސް އަންބުރާލާނެ ޖާގަ ނެތުމުން ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

މާލޭގެ އިތުރު ރޫޓަކަށް މާލެ-ހުޅުމާލެ ބަސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމްޕީއެލްއިން ބުނެފައިވަނީ މިދިޔަ އޭޕްރީލް މަހުގައެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު މަޙްޖޫބު ވިދާޅުވީ އަލަށް ހަދާ ބަސް ސްޓޮޕްތައް ހެދުމަށް ހަމަޖެހިފައިވަނީ ބުރިޖު ވިއު ޕްލެޓްފޯމް ހުންނަ ސަރަހައްދާއި ނަސަންދުރާ ކައިރީގައި ކަމަށެވެ. އަދި މި ބަސް ސްޓޮޕްތަކަށް ދަތުރުތައް ފެށުމަށްޓަކައި ބަސް ދަތުރުކުރާނެ މަގުތައް ކަނޑައަޅައި ފާހަގަތައް ޖެހުމުގެ މަސައްކަތް އޭރު ކުރަމުންދިޔަ ކަމަށްވެސް މަހުޖޫބު ވިދާޅުވިއެވެ.

އެހެންނަމަވެސް ނަސަންދުރާ ސަރަހައްދަކީ ކުރިއާ ޙިލާފަށް ދެކޮޅަށް ދުއްވޭ މަގަކަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން ބަސް މާލެ ތެރެއަށް ވަދެފިނަމަ މަގުތައް ތޮއްޖެހި ދަތިތަކާއި ދިމާވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްއިން ބަހުގެ ޙިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނައިރު މާލޭގެ ރޫޓް ތަކަށް ޙިދުމަތް ދިނުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެގޮތުން މަގުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހައުސިންގ މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާކަމަށް މަހުޖޫބް ވިދާޅުވިއެވެ.

ބަސް ސްޓޮޕްތާކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން މަހުޖޫބް ވިދާޅުވީ މަޝްވަރާގެ ތެރެއިން އިތުރު ބަސް ސްޓޮޕްތަކެއް ޤާއިމް ކުރުމުގެ ވިސްނުންވެސް ގެންގުޅުއްވާކަމަށެވެ. އެގޮތުން އައިޖީއެމްއެޗާއި ހަމައަށް ބަހުގެ ޙިދުމަތް ފުޅާކުރުމަކީ އަމާޒެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން މިހާރު ބަހުގެ ޚިދުމަތް ދެމުން އަންނަނީ ބުރިޖުން ފެށިގެން ވަށަމަގުން ގޮސް ގްރޭޓަރ މާލޭ ބަސް ޓަރމިނަލާ ހަމައަށެވެ. އެ ރޫޓުން ދަތުރުކުރާ ބަސްތައް 3 ބަސް ސްޓޮޕަކަށް މަޑުކުރެއެވެ. އެމްޕީއެލް އަކީ މިހާރު މާލެ ސަރަހައްދުގައި އެންމެ ފުޅާ ދާއިރާގައި ބަހުގެ ޙިދުމަތްދޭ ކުންފުންޏެވެ. އެގޮތުން މާލެ އާއި ހުޅުލެއާއި ހުޅުމާލެއާ ދެމެދުވެސް ބަހުގެ ޙިދުމަތްދެނީ އެމްޕީއެލްއިންނެވެ.

ބަހުގެ ޚިދުމަތް ފުޅާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިންވަނީ މާލެތެރޭގައި ދުއްވުމަށް މިނީ ބަސް ތާރަފްކުރުމަށްވެސް ވަނީ ނިންމާފައެވެ. މިހާރު އެ މަސައްކަތް ވަނީ އެމްޓީސީއާއި ހަވާލުކޮށްފައެވެ.