ޚަބަރު

ޕާރޓްނަރޝިޕް ފޯރަމުގެ ބައިވެރިންނަށް ރައީސް ފަރިއްކޮޅެއް ދެއްވައިފި


މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމުގެ ބައިވެރިންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ. މި ފަރިއްކޮޅު އޮތީ ކުރުނބާ މޯލްޑިވްސްގައެވެ.

ރޭ ބޭއްވެވި މި ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ކެބިނެޓުގެ ވަޒީރުންގެ އިތުރުން ރާއްޖެއާ ރާއްޖެއިން ބޭރުގެ ގިނަ ޢަދަދެއްގެ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

"އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބަލް މޯލްޑިވްސް" ތީމެއްގެ ގޮތުގައި ކަނޑަޅައިގެން ކުރިއަށް ގެންދާ މި ފޯރަމުގެ މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި، އެހެން ޤައުމުތަކާއި ގުޅިގެން ކުރެވޭނީ ކޮންކޮން މަސައްކަތް ތަކެއްތޯ ބަލައި، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ކުރިޔަށްގެންދިޔުމެވެ. މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދެވުނެވެ. ސެޝަންތަކުގައި ކުރިޔަށް ގެންދެވުނު މައުލޫތަކުގެ ތެރޭގައި ޖަޒީރާ ރާއްޖޭގެ ޕޮލިސީ އެޖެންޑާއާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި “ނޫ އިޤްތިޞާދެއް” ބިނާކުރުމުގައި ބައިވެރިވުން އިތުރުކުރުމާއި، އިޖްތިމާޢީ ކުރިއެރުން އިތުރުކުރުމަށް ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާއި ބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ. މި ފޯރަމުގައި މާދަމާވެސް މުހިންމު ދާއިރާތަކުން މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށްދާނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން މި ހިނގާ ޖޫން މަހުގެ 17 އިން 18 އަށް ކުރިޔަށްގެންދާ ފޯރަމެކެވެ. މި ފޯރަމަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ބާއްވާ މިފަދަ އެންމެބޮޑު ފޯރަމެވެ.