ހުޅުލެއާއި ހުޅުމާލެ ގުޅޭ، ހައިވޭގައި އިތުރު ޓްރެފިކްލައިޓް ހަރުކުރަން ޓްރާންސްޕޯޓު އޮތޯރިޓީން ނިންމައިފިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީއު ވިދާޅުވީ ކުރިއަށްއޮތްތަނުގައި ހުޅުލެއާއި ހުޅުމާލެ ގުޅޭ ހައިވޭގައި އިތުރު ދެ ޓްރެފިކްލައިޓް ހަރުކުރަން ނިންމާފައިވާކަމަށެވެ. މި ޓްރެފިކް ލައިޓްސް ހަރުކުރުމާއެކު ހައިވޭގެ ސަލާމަތާއި ތައްކާތެރިކަމަށް އެޅިގެންދާ އިތުރު ފިޔަވަޅަކަށް މިކަން ވެގެންދާނެކަމަށް ރަފީއު ވިދާޅުވިއެވެ.
ހުޅުލެއާއި ހުޅުމާލެ ގުޅޭ، ހައިވޭގައި އިތުރު ޓްރެފިކްލައިޓް ހަރުކުރުމާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް ވިދާޅުވީ ޓްރެފިކް ލައިޓްސް ހަރުކުރަން ނިންމާފައިވާ އެއް ސަރަޙައްސަކީ ހައިވޭގެ މެދުތެރެއިން، އެއަރޕޯޓަށް ވަދެވޭގޮތަށް ހަދާފައިވާ މަަގާ ދިމާގައިކަމަށެވެ. އަދި ބޭނުންކުރަން ފަށާފައިނުވާ މިމަގުގައި ޓްރެފިކް ލައިޓްސް ހަރުކުރަން ނިންމީ ޓްރެފިކްލައިޓާ ނުލައި މިމަގު ބޭނުންކުރުން ރައްކާތެރި ނޫންކަމަށް ޓްރެފިކްފުލުހުން ލަފާދީފައިވާތީކަމަށްވެސް ޢާދިލް ވިދާޅުވިއެވެ.
ހައިވޭގައި އިތުރު ޓްރެފިކްލައިޓް ހަރުކުރުމާގުޅޭގޮތުން އެކިފަރާތްތަކާ ކުރަންޖެހޭ މަޝްވަރާތައް މިހާރު ކޮށްފައިވާކަމަށްވެސް ޢާދިލް ވިދާޅުވިއެވެ. މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.