ޚަބަރު

"ދެވަނަ ފަހަރަށް ކޮންނަން ނުޖެހޭގޮތައް މާލޭގެ މަގުތައް ފަރުމާ ކުރަންޖެހޭ"


މާލޭގެ މަގުތަކަކީ އެކި ބޭނުންތަކަށް ދެވަނަ ފަހަރަށް ކޮންނަން ނުޖެހޭ ފެންވަރަށް ތަރައްޤީކުރާ މަގުތަކަކަށް ހަދަންޖެހޭކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހަދަންޖެހިފައިވާއިރު، އެއީ ކޮންމެ ދުވަހަކު ކޮންނަން ނުޖެހޭފަދަ ދާއިމީ ހައްލެއް ލިބިފައިވާ މަގުތަކަކަށްވެސް ވާންޖެހޭކަމަށެވެ. ގާ އަތުރާފައިވާ މަގުތަކުގެ ތެރެއިން މަގެއްގައި ގަލެއް އޮންނަ ގޮތަކުންވެސް އެކްސިޑެންޓެއް ހިނގުމަކީ އެކަށީގެންވާކަމެއްކަމަށާ، ކުރިއަށް އޮތްތަނުގައި މާލޭގެ މަގުތަކަކީ މިފަދަ އެންމެހައި ކަންކަމަށް ވިސްނައިގެން ތަރައްޤީކޮށްފައިވާ، ސަލާމަތާއި ރައްކާތެރިކަން ޔަގީން ތަނަކަށް ހެދުމަށް މާލޭ ސިޓީކައުންސިލުން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.

މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަ ސަމާލުކަމެއްދީގެން މަގުތައް ފަރުމާކުރުމަށް ސިޓީކައުންސިލުން މަސައްކަތް ކުރައްވާނެކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ. އަދި ޢިމާރާތްކުރާ ސައިޓުތަކުން ފެންބޭރުކުރުމަށް މަގުތަކުގައި އަޅާ، ހޮޅިތަކަކީވެސް މަގުމަތީގައި ޢާއްމުންނަށް އުނދަގޫވާހެން ހުންނަ ތަކެތިކަމުގައިވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެހޮޅިތަކަކީ އަޑީގައި ވަޅުލެވިފައި ހުންނަ ތަކެއްޗަށް ހައްދަވާނެކަމަށް ޝަމާއު ވިދާޅުވިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭގޮތުން ބޭއްވި ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޓްރާންސްޕޯޓް އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން ސިއްޙީދާއިރާގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.

މިފޯރަމްގައި ވާހަކަ ދައްކަވަމުން ޓްރާސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީއު ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ އެއޮތޯރިޓީން ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމެއްކަމަށެވެ. އެގޮތުން އެއްގަމު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމުގެ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އެކަންކަން ހުއްޓުވަން ކުރެވެންހުރި ކަންތަކާ ގުޅޭގޮތުން މިފޯރަމްގައި ވަނީ މައުލޫމާތުދީފައެވެ. މީގެ އިތުރުން މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅިގެން ލިބޭ ގެއްލުންތަކާމެދު ޢަމަލުކުރާނެގޮތްތަކާ ގުޅޭގޮތުންވެސް މިފޯރަމްގައި ވާހަކަދައްކާފައިވެއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ކުރިއަށްގެންދިޔަ ފޯރަމްގައި މަޢުލޫމާތުގެ ސެޝަނަކާއި ސުވާލާއި ޖަވާބުގެ ސެޝަންއެއް ކުރިއަށްގެންގޮސްފައި ވެއެވެ.