ޚަބަރު

ޤާނޫނު އަސާސީގެ ހަމަތައް ނެގެހެއްޓުމަށް ކުރަންޖެހުނު ކޮންމެކަމެއް ކުރާނަން - ރައީސުލްޖުމްހޫރިއްޔާ


ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެކަމެއް ފަސްޖެހުމެއްނެތި ކުރަަަަަަައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނެެެއްގައެވެ.

މި ނޫސްބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ދިވެހި ދައުލަތުގެ ބާރުތަކާއި މުއައްސަސާތަކުން، ޤާނޫނު އަސާސީއަށާއި ޤާނޫނުގެ ހަމަތަކަށް އިޙްތިރާމްކުރުމަށާއި، ދައުލަތް ހިންގުމުގެ ނިޒާމަށް ބުރޫ އަރާފާނެފަދަ އެންމެހައި ކަންކަމުން ދުރުލެހިވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

އަދި ޤާނޫނުއަސާސީއާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން، ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އަޅައި، ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ޤާނޫނުއަސާސީގެ 115ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ޛިންމާއެއްކަމަށެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނަކީ ފަނޑިޔާރުންނާގުޅޭ މައްސަލަތައް ބެލުމަށް ޤާނޫނުއަސާސީން އެކަށައަޅާފައިވާ މުއައްސަސާކަމަށްވާއިރު، އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުއައްސަސާ ޖާވާބުދާރީ ކުރުވޭނޭގޮތްވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެއީ އެކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުންކަމަށް މިބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީ ޤާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ޤާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ޤާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫންކަމަށްވެސް މިބަޔާނުގައި ވަނީ ހާމަކުރައްވާފައެވެ.

އެހެންކަމުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކާއި، ހުރިހައި މުއައްސަސާތަކުން ޤާނޫނުއަސާސީއަށާއި، ޤާނޫނުގެ ހަމަތަކަށް އިޙްތިރާމްކުރުމާއެކު، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ރާއްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވަޢުދުކަމުގައިވާއިރު، އެވަޢުދު ފުއްދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަަަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެއެވެ.

އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ކުރަަަަަަަައްވަންޖެހިވަޑައިގަންނަވާ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރަަަަަަައްވާނޭ ކަމުގެ ޔަޤީންކަން ވެސް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މިބަޔާނުގައި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ މިދައުލަތުގެ އެންމެ އަސާސީ ސިފަކަމަށާ، އެބާރުތައް ރައްޔިތުންގެ ފަރާތުން ހިންގުން މަތިކުރެވިފައިވަނީ ޤާނޫނުއަސާސީން އެކަށައަޅާފައިވާ ތިން ބާރުގެ މައްޗަށްކަމާއި، މީގެ އިތުރުން ޤާނޫނުއަސާސީން އުފައްދާފައިވާ މުއައްސަސާތަކަކީވެސް އެމުއައްސަސާތަކުގެ މުސްތަޤިއްލުކަން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ތަންތަންކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެބާރުތަކާ މުއައްސަސާތަކުގެ މަސައްކަތްތައް ޤާނޫނުއަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަޤިއްލު މުއައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތީންންކަން މި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.