ކުޅިވަރު

ޔޫއެފާ އަނޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް މިއަންނަ މަހު އައްޑޫގައި


ޔޫއެފާ އިންޓަނޭޝަނަލް އަންޑަރ 15 ފުޓްބޯލް ޓޯނަމެންޓް މިއަންނަ މަހު އައްޑޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއަންނަ މަހު 20 އިން 29 އަށް ކުރިއަށް ގެންދާ މިމުބާރާތަކީ އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއެފާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގައި ރާއްޖޭގެ އިތުރުން ސައުދީ އަރަބީއްޔާ، ބޫޓާން، ލަތްވިއާގެ 15 އަހަރުން ދަށުގެ ޤައުމީ ޓީމު ބައިވެރި ވާނެއެވެ.

މިމުބާރާތުގެ އިންތިޒާމުތަށް ހަމަޖެއްސުމަށް އައްޑޫސިޓީ ކައުންސިލާއި އެފްއޭމްގެ އިތުރުން ކަމާއި ބެހޭ މުޢައްސަސާތަކާއި އެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިޙްސާން އަބްދުލް ޢަނީ ބުނީ މުބާރާތުގައި ބައިވަވެރިވާ ޓީމްތަށް މިއަންނަ މަހު 18 އައްޑޫ އަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެފްއޭމް އިން މައުލޫމާތު ދިންގޮތުގައި ކޮންމެ ޓީމަކުން ވެސް 20 ކުޅުންތެރިންނާއި 5 އޮފިޝަލުން އައުމަށް ވަނީ ހަމަޖެހިފައެވެ.

އިހްސާން ބުނީ މިފަދަ މުބާރާތެއްގެ އެންމެ ބޮޑު މަޤްސަދަކީ ޒުވާން ކުޅުންތެރިންނަށް ވިހާވެސް ބޮޑަށް އެކްސްޕޯޝަރ ހޯދައިދިނުން ކަމަށެވެ. މީގެ އިތުރުން މިފަދަ މުބާރާތެއްގެ ސަބަބުން އައްޑޫގައި ފުޓްބޯޅައަށް އޮންނަ ފޯރި އިތުރުވެ އައްޑޫ އަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ޤަބޫލު ކުރައްވާކަމަށްވެސް އިހްސާން ފާހަގަކުރިއެވެ.

މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައެވެ. މީގެ ކުރީން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭފްސީ ޗެލެންޖު ކަޕްވެސް ވެސް ވަނީ އައްޑޫގައި ބާއްވާފައެވެ.