ސިޔާސީ

ޖަލުތަކުގެ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި


ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށްފަހު އެކުލަވާލި "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ދިރާސާކުރުމަށްފަހު ސަރުކާރަށް ލަފާދޭނެ ކަންތައްތަކެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވައިފިއެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު ސަރުކާރަށް ހުށައަޅާނެ "ރިކަމަންޑޭޝަންތައް" ނުވަތަ ލަފާދޭނެ ކަންތައްތައް އެކުލަވާލުމަށް ހުައަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲއެވެ. އީވާގެ މި ހުށައެޅުމަށް ތާޢީދުކުރައްވާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދެވެ. މިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 79 މެންބަރުންގެ އިއްތިފާޤުންނެވެ.

ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލި ކޮމިޝަނުން އެލުކަވާލި ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަ ޖަލުތަކަކީ އެކި ކެޓަގަރީގެ މީހުން ބަންދުކުރުމަށް ހަދާފައިވާ ޖަލުތަކަކަށްވީނަމަވެސް، ގިނަ ޖަލުތަކުގައި ހުރިހާ ކެޓަގަރީއެއްގެ މީހުންވެސް ތިބިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ޖަލުތަކުގައި ޤައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅާފައިނުވާކަމާއި، އެކި ޖަލުތަކުގައި އެއް ކެޓަގަރީއެއްގެ މީހުންނާމެދުވެސް އެކި ގޮތަށް ޢަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މި ރިޕޯޓްގައި މާލެ ޖަލާއި މާފުށި ޖަލުގައި ގައިދީން ބައިތިއްބާފައިވަނީ ޖަލުގެ ޖާގައަށްވުރެ އިތުރަށް ކަންވެސް ފާހަގަކޮށްފައިވެއެވެ. 290 ޞަފްހާގެ މި ރިޕޯޓްގައި ރާއްޖޭހެ ހުރިހާ ޖަލުތަކެއްގެ ހާލަތު ވަހިވަކިން ބަޔާންކޮށް އިޞްލާހުކުރުމަށް ހުށައަޅާކަންކަންވެސް ހިމަނާފައިވެއެވެ.

މި އޮޑިޓް ރިޕޯޓްގައި ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫގެ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބޭތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

"ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ މަސައްކަތު ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައިގެން އެކުލަވާލާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ އެކަމަށްޓަކައި ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޝަނަކުންނެވެ.