ސިޔާސީ

ބާ އެސޯސިއޭޝަން އުފެއްދުމަށް ހުށައެޅި ބިލް މަޖިލީހަށް ބަލައިގެންފި


ޤާނޫނީ ވަކީލުންގެ މަސައްކަތްތަކަށް ފާރަވެރިވުމަށް ބާ އެސޯސިއޭޝަންގެ ނަމުގައި މިނިވަން މުޢައްސަސާއެއް އުފެއްދުމަށް ހުށަހެޅި ޤާނޫނީ ޚިދުމަތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމަށްފަހު ވަނީ ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ ހުށަހެޅުއްވި މި ބިލަކީ ކޯޓުތަކުން ޤާނޫނީ ވަކީލުން ރެގިއުލޭޓުކޮށް އެމީހުންނާއި މެދު ފިޔަވަޅު އެޅުން ހުއްޓުމަކަށް ގެނައުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، މިނިވަންކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަކީވެސް މި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް އިމްތިޔާޒު ފަޙުމީ ވިދާޅުވިއެވެ.

މިނިވަން މުސްތަޤިއްލު މުޢައްސަސާއެއްގެ ގޮތުގައި އުފައްދާ ބާ އެސޯސިއޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓު ކުރުމެވެ.

މި ބިލްގެ ބަހުސް މަރުހަލާގައި ބައެއް މެންބަރުން ވަނީ ޤާނޫނީ ވަކީލުންގެ ހިއްސާއެއް ނެތި ލޯ ފާމް ނުހެދޭ ގޮތަށް މި ބިލްގައި ބަޔާންކޮށްފައިވާތީ އެކަމަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކޮމިޓީ މަރުހަލަގައި އެ ކަންކަމަށް ޙައްލެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށްވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މި ބިލްގެ ދަށުން އުފައްދާ ބާ ކައުންސިލު ވުޖޫދުވުމަށްފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.