ކުޅިވަރު

މިއީ އައު ޗެލެންޖަކާއި ކުރިމަތިލާންވީ ވަގުތު - ޕޮގްބާ


މެންޗެސްޓާ ޔުނައިޓެޑުގައި އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށާއި ނަމަވެސް މިއީ އައު ޗެލެންޖަކާއި ކުރިމަތިލާންވީ ވަގުތު ކަމަށް ޕައުލް ޕޮގްބާ ބުނެފި އެވެ.

ފްރާންސްގެ މިޑްފީލްޑަރު މިހެން ބުނީ އޭނާ ހޯދުމަށް ސްޕޭނުގެ ރެއާލް މެޑްރިޑުން މަސައްކަތް ކުރާތީ އެވެ. ރެއާލްގެ ކޯޗު ފްރާންސްގެ ޒައިނުއްދީން ޒިދާނާއެކު މަސައްކަތް ކުރަން ޕޮގްބާ ބޭނުންވެ އެވެ.

"އަހަރެންނާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދެކެވޭ. ޔުނައިޓެޑުގައި އުފާވެރި އަދި އެހާ އުފާވެރިނޫން ދުވަސްތައް ވެސް ހިނގައްޖެ. އަހަރެން މިހުރީ މި ކުލަބުގައި. އެކަމަކު މިހާރު އަހަންނަށް ހީވަނީ މިއީ އެންމެ ރަނގަޅު ވަގުތުހެން އާ ޗެލެންޖެކާ ކުރިމަތިލާން،" ޕޮގްބާ ބުންޏެވެ.

އޭނާ މިހެން ބުނި ނަމަވެސް ޔުނައިޓެޑުން ތިބީ އޭނާ ވިއްކާލާ ގޮތަކަށްނޫނެވެ. އެ ޓީމުން ބޭނުންވަނީ އޭނާ ކުލަބުގައި މަޑުކޮށް ލީޑް ރޯލެއް އަދާކޮށްދިނުމަށެވެ.

ޕޮގްބާ ގަތުމަށް ރެއާލްގެ ގެރެތް ބޭލް ވެސް ޔުނައިޓެޑަށް ދޭން އެޓީމުން އޮތީ ތައްޔާރަށެވެ.