ސިއްހަތު

މި ސަރުކާރުން ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ-ޒުހޫރު


ކުރީގެ ރައީސް ނަޝީދުގެ ދައުރުގައި ރާއްޖޭގެ ސިއްހީ ހާލަތު ވަޅު ޖެހުނު ކަމަށާއި، މި ސަރުކާރުން އެކަން ފޫބެއްދުމަށްފަހު މި ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނަވާނެކަމަށް ކަމަށް  ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.މިނިސްޓަރ ޒުހޫރު މިހެން ވިދާޅުވީ ށ . ފުނަދޫ އަތޮޅު ހޮސްޕިޓަލްގައި ގާއިމްކުރާ ފެން ޕްލާންޓްގެ " ޕްލާންޓް ހައުސް " އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ރޭ ފުނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ފުނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ފުނަދޫ ފެން ޕްލާންޓްގެ " ޕްލާންޓް ހައުސް" އިމަރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރެވެ. މި މަސައްކަތް ހަވާލުކުރި ފުނަދޫގެ އަމިއްލަ ކުންފުންޏެއް ކަމުގައިވާ ޓޫ އޭ ޖީ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވެރިޔާ އަބްދުލް ގަފޫރު އާދަމްއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ، ފެނުގެ ހާލަތު ގޯސް ވަރަށް ގިނަ ރަށްތައް އެބަހުރި ކަމަށާއި، އެކަންތައް ސަރުކާރުން ހައްލުކޮށްދެއްވަން ބޭނުންފުޅު ވާކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ބަޖެޓް ތަންދޭ މިންވަރަކުން ރަގަޅު ޕްލޭންތަކެއްގެ ދަށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ފުނަދޫ ހޮސްޕިޓަލްގެ ހާލަތުވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، ދިމާވެފައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ހޮސްޕިޓަލަށް އަލަށް އިތުރު ކުރެވޭ ދެ ބުރި އިމާރާތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ.މި އިމާރާތުގައި ޖެނެރަލް ވޯޑަކާއި، އަށް ޕްރައިވެޓް ރޫމާއި، އޮފީސް ބައެއް ހިމެނިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން މި ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނަވާނެކަމަށް ކަމަށެވެ.ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ގާސިމް ވިދާޅުވީ، ސަރުކާރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ ކާމިޔާބީތައް ހޯދަމުންދާ ކަމަށާއި، އެކަމުގެ ނަތީޖާ ވޭތުވެ ދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފެނިގެންދިޔަކަމަށެވެ.ފުނަދޫގެ ފެނަކީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ފެނަކަށް ވަތީ، ފެން ޕްލާންޓް ބެހެއްޓުމުން ޚިދުމަތް ދިނުމުގައި ފަސޭހަވެގެންދާނެ ކަމަށް ށ އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.މި މަޝްރޫއަށް މުޅި ޖުމްލަ ދެ މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޕްލާންޓް ހައުސް އިމާރާތް ކުރުމުގެ މަސައްކަތަށް ހަތަރު ލައްކައެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.