ޚަބަރު

ޖަޒީރާ ރާއްޖެ ގެނައުމުގެ ވަޢުދު ފުއްދުމަށް ބޭރުގެ އެހީ ބޭނުން - ރައީސް


ޖަޒީރާ ރާއްޖެ ގެނައުމަށް ސަރުކާރުންވީ ވައުދުތައް ފުއްދުމަށްޓަކައި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި "މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019" ހުޅުވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޕާޓްނަރޝިޕް ފޯރަމަކީ ދުވަސްތަކަކަށްފަހު ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ބައްދަލުވުންކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ރާއްޔިތުންނަށް ވައުދުވީ ކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާއިރު، މިފަދަ ފޯރަމްތަކަކީ ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރެވޭ މުހިއްމު މަސައްކަތެއްކަމަށެވެ.

ދިވެހި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިއަދާ މާދަމާ ކުރިޔަށްދާ މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ކެނބިނެޓުގެ ވަޒީރުންވެސް މި މިފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިޔަށްގެންދާ ފޯރަމެކެވެ. މި ފޯރަމުގެ ތީމަކީ "އިންވެސްޓިންގ އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބަލް މޯލްޑިވްސް" އެވެ.

މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދެވޭނެއެވެ. މި ސެޝަންތަކުގައި ރާއްޖެއިން އިޤްތިޞާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިޤްތިޞާދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމުގެ ބައިވެރިންނާއި ޙިއްސާކުރެވޭނެއެވެ. މީގެ ތެރޭގައި 'ނޫ އިޤްތިޞާދުގެ ތަސައްވަރާއި ޖަޒީރާ ރާއްޖޭގެ ތަސައްވަރާއި ބެހޭ މައުލޫމާތު ފޯރަމުގެ ބައިވެރިންނާއި ހިއްސާކުރާނެއެވެ.