ސިޔާސީ

ފަނޑިޔާރު ދީދީ ސަސްޕެންޑްކުރި މައްސަލައަށް ތާޢީދުކޮށް ތަޅުމަށް ހުށައަޅަން ފާސްކޮށްފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ޤާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުމެއްކަމަށާއި، ޖޭއެސްސީއާއި އެނޫންވެސް މިނިވަން މުއައްސަސާތަކަށް ސުޕްރީން ކޯޓުން ނުފޫޒް ފޯރުވުން ހުއްޓާލުމަށް އެ ކޯޓަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީން ފާސްކޮށްފިއެވެ. އެކޮމިޓިން މިގޮތަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ކޮމިޓީން ވަނީ ސުޕްރީމް ކޯޓަށް އިލްތިމާސްކުރާނެ ކަންކަން ހިމެނޭ ރިޕޯޓެއްވެސް އެކުލަވާލައި، މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓް ފޮނުވުމަށްވެސް ނިންމާފައެވެ.

ޖުޑިޝަލް ކޮމިޓީން މިރޭ އެކުލަވާލި ރިޕޯޓްގައި ބަޔާންކޮށްފައިވަނީ، ޖޭއެސްސީއަށް ސުޕްރީން ކޯޓުން ކެނޑިނޭޅި ނުފޫޒް ފޯރުވުމަށް މަސައްކަތްކޮށްފައިވާކަން އެ ކޮމިޝަންގެ ނާއިބު ރައީސާއި މެންބަރުންގެ ވާހަކަފުޅުން އެނގެން އޮތްކަމަށާއި އެއީ ކަންބޮޑުވާންޖެހޭ ކަންތައްތަކެއްކަމަށް ކޮމިޓީއަށް ފެންނަކަމަށް ބުނެފައެވެ. އަދި ޖޭއެސްސީގެ ޤާނޫނީ އިޙްތިޞާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވާކަމަށާއި، ޖޭއެސްސީގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ސުޕްރީމް ކޯޓުން ހުރަސްއަޅާފައިވާކަން ފާހގަކުރެވިފައިވާތީ ޖޭއެސްސީން ޤާނޫނޫ އަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ނިންމަވާ ނިންމުންތަކަކީ ޤާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުންތަކެއްކަމަށް މަޖިލީހުން ފާސްކުރުމަށް ކޮމިޓީއަށް ފެންނަކަމަށްވެސް ބުނެފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރުމަށް ޖޭއެސްސީން މިމަހުގެ 12ވަނަ ދުވަހު ނިންމެވި ނިންމެވުމަކީ ޤާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުމެއްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމަށާއި، ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ ޤާނޫނީ އިޙްތިސާސްތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް އިލްތިމާސްކުރުމަށް ނިންމާފައިވާކަމަށްވެސް ކޮމިޓީން އެކުލަވާލި ރިޕޯޓްގައިވެއެވެ.

ކޮމިޓީގައި ވާހަކަފުޅުދެއްކެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ޖޭއެސްސީއަށް ސުޕްރީން ކޯޓުން ކެނޑިނޭޅި ނުފޫޒް ފޯރުވުމަށް މަސައްކަތްކޮށްފައިވާކަން އެ ކޮމިޝަންގެ ނާއިބު ރައީސާއި މެންބަރުން ކޮމިޓީއާ ހިއްސާކުރައްވާފައިވާކަކަން ފާހަގަކުރައްވާފައެވެ. އަދި ފަނޑިޔާރުންގެ ފެންވަރު ބަލާ މަސައްކަތްތަކަށްވެސް ސުޕްރީމް ކޯޓުން ހުރަސް އަޅަމުންދާކަމަށާ، އެ ކޮމިޝަނަށް ޤާނޫނީގޮތުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވެސް ސުޕްރީން ކޯޓުން ކެނޑިނޭޅި ނުފޫޒް ފޯރުވަމުންދާކަމަށް ކޮމިޝަންގެ މެންބަރުން ހިއްސާކުރެއްވި މަޢުލޫމާތުން އެނގޭކަމަށްވެސް މެންބަރުން ވިދާޅުވިއެވެ. މީގެ އިތުރުން ދަށު ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމުގައިވެސް ސުޕްރީމް ކޯޓުން ނުފޫޒް ފޯރުވާކަމަށް އެ ކޮމިޝަންގެ މެންބަރުންގެ ވާހަކައިން ހާމަވެފައިވާކމަށްވެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޖޭއެސްސީއަށާއި އެނޫންވެސް މުއައްސަސާއަކަށް ސުޕްރީމް ކޯޓުން ނުފޫޒް ފޯރުވުން ހުއްޓާލުމަށް އިލްތިމާސްކުރުމަށް ފެންނަކަމަށް މަޖިލީހުން ފާސްކުރުމަށް އެމްޑީޕީގެ މެންބަރުން ވަނީ ތާޢީދުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމަށް މަޖިލީހުން ފާސްކުރަން ފެންނަކަމަށް ވޯޓް ދެއްވި މެންބަރުންނަކީ:
1- ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް
2- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު
3- މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު
4- ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު
5- ފޮނަދޫ ދާއިރާގެ މެންބަރު މުސާ ސިރާޖު

މި ނިންމުމަށް ވޯޓް ނުދެއްވަނީ އެންމެ މެންބަރެކެވެ. އެއީ ކެނދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ޢަލީ ޙުސައިނެވެ.

ޢަލީ ޙުސައިން މި ނިންމުމަށް ދެކޮޅުހެއްދެވީ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑްކޮށްފައިވާކަމަށް ޖޭއެސްސީން ނިންމި ނިންމުން ބާޠިލްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިނުވާކަމަށް ވިދާޅުވެ. ޢަލީ ޙުސައިން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމަކީ ޖޭއެސްސީގެ ނިންމުމަށް ޢަމަލުކުރުން ފަސްކުރުންކަމަށާއި، އެހެންކަމުން ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ނިންމި ނިންމުން ޤާނޫނާ އެގޮތްކަމަށް މަޖިލީހަށް ނުނިންމޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޢަލީ ޙުސައިން ވަނީ އެގޮތަށް މަޖިލީހުން ނިންމައިފިނަމަ ރައްޔިތުންގެ މަޖިލީހަކީވެސް ކޯޓުތަކާ އެއްގޮތަށް މަސަކަތްކުރެވޭ ތަނަކަށް ބަދަލުވީކަމަށް ޤަބޫލުކުރުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރައްވައި އެ ނިންމުމަށް ތާޢީދު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ޖުޑީޝަލް ކޮމިޓީން ވަނީ އެރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށްވެސް ނިންމާފައެވެ. ކޮމިޓީން މިގޮތަށް ނިންމާފައިވާއިރު، މިމަހުގެ 13ވަނަ ދުވަހު ޖޭއެސްސީގެ މެންބަރުން ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޙާޒިރުކޮށް އެކޮމިޝަންގެ މަސައްކަތްތަކާގުޅޭ މަޢޫލޫމާތު އޮޅުންފިލުއްވާފައެެވެ. ޖޭއެސްސީގެ މެންބަރުން ވަނީ އެ ކޮމިޝަންގެ ދުސްތޫރީ އަދި ގައުމީ ވާޖިބަށް ސުޕްރީމް ކޯޓުން ހުރަސް އެޅުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ދިނުމަށް ކޮމިޓީގައި އެދިވަޑައިގެންފައެވެ.