ޚަބަރު

ޖޭއެސްސީގެ 5 މެމްބަރެއްގެ މައްސަލަ ފަނޑިޔާރު ޢަބްދުﷲ ދީދީ ފުލުހުންނަށް ހުށަހަޅުއްވައިފި


ޖޭއެސްސީގެ 5 މެމްބަރަކާއި ދެކޮޅަށް ސުޕްރީމްކޯޓްގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ފުލުހުންނަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ފުލުހުން ވިދާޅުވީ އެމައްސަލަ އަކީ ޖިނާއީ ތަހުޤީގެއް ހިންގަންޖެހޭ މައްސަލައެއްތޯ ބަލަމުން އަންނަކަމަށެވެ. ފުލުހުން ވިދާޅުވީ ޖޭއެސްސީގެ 5 މެމްބަރަކާ ގުޅޭގޮތުން ފަނޑިޔާރު އަބްދުﷲ ދީދީ ސިޓީއަކުން މިރޭ މައްސަލައެއް ހުށައަޅާފައިވާކަމަށެވެ. އަދި އެމައްސަލައަކީ ޖިނާއީ ތަހުޤީޤެއް ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް ދިރާސާކުރަމުން އަންނަކަމަށެވެ.

އެހެންނަމަވެސް ދީދީ މައްސަލަ ހުށައެޅުއްވީ ކޮން މެމްބަރުންނަކާ ދެކޮޅަށް ކަމެއް ފުލުހުން ވިދާޅެއްނުވެއެވެ. އަދި ހުށަހަޅުއްޥާފައިވާ މައްސަލައިގެ ތަފްސީލެއްވެސް ފުލުހުން ނުދެއްވައެވެ.

ޖޭއެސްސީގެ 5 މެމްބަރުންގެ މައްސަލައެއް ފަނޑިޔާރު ޢަބްދުﷲ ދީދީ ފުލުހުންނަށް މިރޭ ހުށަހެޅުއްވިއިރު ފަނޑިޔާރު ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީގެ ބައްދަލުވުމުގައި ވޯޓް ދެއްވާފައިވަނީވެސް 5 މެމްބަރެކެވެ.

ޖޭއެސްސީގެ މެމްބަރުންތަކާ ދެކޮޅަށް ފަނޑިޔާރު ދީދީ މައްސަލަ ހުށަހަޅުއްވާފައި މިވަނީ ބަލަމުންދާ މައްސަލައަކާގުޅިގެން ޖޭއެސްސީން ދީދީ މިދިޔަ ހަފްތާގައި ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

އެ ނިންމުމަށް ޢަމަލުނުކުރުމަށް ސުޕްރީމް ކޯޓުން ވަގުތީއަމުރެއް ނެރުއްވާފައި ވީނަމަވެސް އެނިންމުން ދެމިއޮންނާނެކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ. ޖޭއެސްސީން އެހެން ވިދާޅުވިނަމަވެސް ފަނޑިޔާރު ދީދީ މިއަދުވެސް މަސައްކަތަށް ނުކުންނަވާފައިވާކަން އެގިފައިވެއެވެ.